ތިން މަހުގެ މެދު ކެނޑުމަކަށްފަހު ދަރިވަރުން ސްކޫލުތަކަށް

ތިން މަހުގެ މެދު ކެނޑުމަކަށްފަހު ދަރިވަރުން ސްކޫލުތަކަށް

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 12:49
0

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ ހަފްތާގައި ބޮޑެތި ލުއިތަކެއް ދިނުމުން ސްކޫލްތައް ހުޅުވާ އަލުން ކިޔަވައިދޭން ފަށައިފިއެވެ.

މާލޭގެ ސްކޫލްތަކުގައި މިއަދު ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާން ފަށާފައިވަނީ ހެނދުނު 7:30 ގައެވެ. އަދި ދަރިވަރުން ސްކޫލަށް ގެންދަނީ ދެބަޔަކަށް ބަހާލައިގެން ވަކި ގަޑިތަކެއްގައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާ ދުވަހު ދަރިވަރުންނަށް މަރުޙަބާ ކިޔާގޮތަށް ގިނަ ދުވަސްތަކަކަށްފަހު މިއަދު ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ސްކޫލުތަކުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެހެންނަމަވެސް ތަފާތު ގޮތަކަށެވެ.

ކޯވިޑް-19ގެ ޙާލަތާއެކު ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ މިއަދު އައު އާއްމު ހާލަތުގައި ކޯވިޑް-19 ނެތް ހުރިހާ ރަށެއްގައި ގްރޭޑް 1 އިން ފެށިގެން މަތީގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް މިއަދު މިވަނީ ކިޔަވައިދޭން ފަށާފައެވެ. ނަމަވެސް މާލެ ސަރަހައްދުގައި އަދި ކިޔަވައިދެނީ ގްރޭޑް 9 އިން 12 އަށެވެ.

ކޯވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް މާލެ ސަރަހައްދުގައި ގްރޭޑް ހަޔަކުން ދަށުގެ ގްރޭޑުތަކަށް ސްކޫލްތަކަށް ހާޒިރުވެގެން ކިޔަވައިދީފައި ނުވެއެވެ. އެހެން ސަރަހައްދުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1ގައި ސްކޫލުތައް ހުޅުވައި ގްރޭޑް 1 އިން މަތީގެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދިޔައެވެ. މިދިޔަ އަހަރު ސްކޫލްތަކަށް ގޮސްގެން ކިޔަވާދިނުން މެދުކަނޑާލާފައިވީ ދުވަސްތަކުގައިވެސް ދަރިވަރުންނަށް އޮންލައިންކޮށްނާއި ޓެލެކިލާސް މެދުވެރިކޮށްވަނީ ކިޔަވާދިނުން ކުރިއަށް ގެންގޮސްފައެވެ.

ކޯވިޑް-19ގެ ނުރައްކާ އަދިވެސް ރާއްޖެއިން މުޅިން ފިލައިގެން ނުދިޔަނަމަވެސް، ސްކޫލްތަކުގައި ކިޔެވުން ފަށާފައިމިވަނީ ދަރިވަރުންގެ އުނގެނުމަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުންނެވެ. ފުރަބަންދުގައި ޓެލިކްލާސްތަކާއި އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިޔަނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ދަރިވަރުންނަށް އުނގެނުމަށް ބޭނުންވާ މާހައުލަކީ ސްކޫލުކަން ޔަޤީނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.