އަވަށްޓެރި ފުލުހުންގެ ޚިދުމަތާއިއެކު މައްސަލަތައް އަވަހަށް ހައްލުކޮށް ނަތީޖާ ނެރެވޭނެ: ސީޕީ

އަވަށްޓެރި ފުލުހުންގެ ޚިދުމަތާއިއެކު މައްސަލަތައް އަވަހަށް ހައްލުކޮށް ނަތީޖާ ނެރެވޭނެ: ސީޕީ

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 10:33
0

އަވަށްޓެރި ފުލުހުންގެ ޚިދުމަތާއިއެކު މައްސަލަތައް އަވަހަށް ހައްލުކޮށް ނަތީޖާ ނެރެވޭނެ ކަމުގައި ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އދ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ތަޢާރަފް ކުރުމަށްޓަކައި އިއްޔެ އދ.މަހިބަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެނައުމަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއްކަން ފާހަގަކުރައްވައި، އެ ބަދަލީ ކަމެއް ދިމާވުމުން އެކަމަކަށް ފިޔަވަޅު އަޅަންތިވޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ، އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލު ހޯދުމަށްކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުންކަމަށެވެ.

ހަމައެއާއެކު ދާދިފަހުން އަމަލުކުރަންފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތް އޮންނަންވީ ގޮތުގެ އަދި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލުކުރަންވީ ގޮތްތަކުގެ އަސާސީ ކަންތައްތައް ބަޔާންކޮށްފައިވާކަމަށާއި އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއްކަމަކީ ދިވެހި ފުލުހުންގެ ހިދުމަތް އިދާރީ ގޮތުން ލާމަރުކަޒީކޮށް، ކޮމިއުނިޓީ ޕޮލިސިންގ ފަލްސާގެ މައްޗަށް ބިނާކޮށްގެން ހިދުމަތް ފޯރުކޮށްދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުހިންމު ކަނޑައެޅުންކަން ފާހަގަކުރެއްވިއެވެ.

އަދި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ހިދުމަތެއްގެ ގޮތުގައި ގާއިމުކޮށް ދަމަހައްޓައިދިނުމަށް ވަރަށް ގިނަ ރައްޔިތުން ފުލުހުންގެ ކިބައިން އެދިފައިވާކަން ފާގަކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އަވައްޓެރި ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުން އެ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް، ގުޅިގެން، ދެމެހެއްޓެނިވިގޮތެއްގައި އެކުގައި މަސައްކަތްކުރެވޭނެ އިންތިޒާމުތަކެއް ތައާރަފު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތް ދިނުމުގެ އޮނިގަނޑުގެ ތެރޭގައި ވަރަށް މުހިންމު ހަތަރުކަމެއް ހިމެނިފައިވާކަމަށާ އެއީ އަމާންކަން ގާއިމުކުރުމާއި އެކުގައި ގުޅިގެން ހިދުމަތް ދިނުމާއި އިތުރުބާރު ގާއިމުކުރުމާއި އިހުތިރާމާއެކު އަމަލުކުރުން އަދި މުއާމަލާތު ކުރުންކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މިއަަސާސްތަކާއެކު އަވައްޓެރި ފުލުހުންގެ ހިދުމަތުގެ އެންމެ މުހިންމު އަމާޒަކަށްވާނީ ކޮންމެ މުޖުމަތައެއްގައިވެސް ހުރި މައްސަލަތައް ފުރިހަމައަށް ދެނެގަނެވި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްތަކެއް ކުރެވިގެން ދިިއުންކަމުގައިވެސް ވިދާޅުވިއެވެ.

ހަމައެއާއެކު މި ނިޒާމަށް ފުލުހުންގެ ހިދުމަތް ބައްޓަންވުމުން ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ތެރެއިން މިހާރަށްވުރެ ރަނގަޅު އަދި ފުރިހަމަ ނަތީޖާތަކެއް ނެރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިކަން ހާސިލުކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ފުލުހުންނަށް ލިބިގެންކަމަށާ މި ގާއިމުކުރެވޭ ހިދުމަތުން ރަނގަޅު ނަތީޖާތަކެއް ނެރުމަށް ފުލުހުންގެ މަސައްކަތްތައް އެގޮތަށް ބައްޓަންކޮށްގެންކަމަށްވެސް ވިދާޅުވިއެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު، ފުލުހުންގެ ފަރާތުން އދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ އަތޮޅުގެ ކައުންސިލާ ކޮމިޝަނަރ އޮފް ޕޮލިސް ހަވާލުކުރެއްވިއެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތް އދ. އަތޮޅުގައި ފެށިގެން ދިއުމާއެކު އެ އަތޮޅު ވެގެންގޮސްފައިވަނީ އަލަށް އަމަލުކުރަންފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެންދިޔަ ފުރަތަމަ އަތޮޅަށެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޕޮލިސިންގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ހިދުމަތުގެ ތެރެއިން ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

ކޮމިޝަނަރގެ މި ދަތުރުފުޅުގައި، އދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކާއި އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާވެސް ބައްދަލުކުރައްވާފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.