އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެއްވެސް އައިޑީ ކާޑެއްގެ މުއްދަތު ހަމަވެފައިވާކަމަށް ނުބުނާނެ ކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ކޯވިޑް-19 އާއި ގުޅިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު ވަނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ކުރިއަށްދާއިރު އިލެކްޝަން ކޮމިޝަނުން މުއްދަތު ހަމަވެފައިވާ އައިޑީކާޑުތަކަށްވެސް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.
މުއްދަތު ހަމަވެފައިވާ އައިޑީ ކާޑްތައް ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން އިއުލާންކޮސްފައިވާތީ، ވޯޓު ލުމުގެ އެއްވެސް އައިޑީ ކާޑެއް މުއްދަތު ހަމަވެފައިވާކަމަށް ނުބުނާނެ.
– ޝަރީފް ވިދާޅުވިއެވެ
އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު އިތުރުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު އިތުރުކުރިނަމަވެސް މިހާރުވެސް ކުރިއަށްގެންދާގޮތަށް އެއިދާރާގެ ވެބްސައިޓު މެދުވެރިކޮށް ކާޑު ހެއްދުމަށް ފޯމު ހުށައެޅޭނެކަމަށް އެޑިޕާޓްމަންޓުން ވިދާޅުވެއެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނެވެ. މީގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރޭ އެންމެނަށް އިންތިހާބުގައި ވޯޓުލެވޭނެކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.
ކޮމެންޓު ފޮނުވާ