ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ޤައުމުގައި މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމު ނެތެމުންދާތީ ކަމަށާއި، މިއީ ދިވެހިންގެ މިނިވަންކަމާއި ސިޔާތަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު އިދިކޮޅު ކޯލިޝަން އޮތީ މާލެ ބަންދުގައެވެ. ނަމަވެސް ސަރުކާރުގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް އަތޮޅު ތެރޭގައި ވެރިންގެ ލެވެލް ބޭފުޅުން ވަޑައިގެން ދަނީ ފޯރީގައި ކެމްޕެއިބް ކުރަމުންނެވެ. އިންތިޚާށް 7 ދުވަހަށް ވެފައިވާއިރު ޝިޔާމް ވަނީ މިއިންތިޚާބާއިމެދު ވަރަށް ދުންކޮށް ދިވެހި ރައްޔިތުން ވިސްނަންޖެހޭކަމަށް ވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ ދިވެހި ރާއްޖޭގައި އޮތީ ގިނަޕާޓީތަކެއްގެ މައްޗަށް އެކުލެވޭ ދީމިޤުރާތީ ނިޒާމެއްކަމުން ޤައުމުގެ ޙާލަތު ބަދަލުކުރުމަށް ޕާޓީތަކުން އިންތިޚާބު ތަކުގައި ކުރިޔަށްނެރޭ ސިޔާސަތުތަކަކީ ޢާއްމު ރައްޔިތުން ގޮތް ނިންމެވުމުގައި ބައްލަވާ މުހިއްމު މިންގަނޑަށްވާއިރު އަދި އެސިޔާސަތުތައް ތަންފީޒުކުރައްވަން ރައްޔިތުން އިންތިޚާބުކުރައްވާ މަންދޫބުންގެ ރޭހަށް ނިކުންނަވައިގެން ތިއްބަވާ ކެންޑިޑޭޓުންގެ ޤާބިލުކަމަކީ އިންތިޚާބުތަކުގައި ރައްޔިތުން ގޮތްނިންމެވުމުގައި ބައްލަވާ އެންމެ މުހިއްމު ޢަސާސް ކަމުގައެވެ.
ޔުނިޓަރީ ދަޢުލަތެއްގައި ގިނަ ޕާޓީތަކެއް ހިމެނޭ ނިޒާމެއްއޮވެ އިންތިޚާބީ މަޤާމުތަކެއްއޮތުމުގެ މައިގަނޑު މަޤްޞަދަކީ އަދި މަފްޙޫމަކަށްވާނީ ރައްޔިތުންނަށް ޚިދުމަތްކުރުމާއި އެކު ދަޢުލަތް ޒިންމާދާރުކުރުވާ ޖަވާބުދާރީކުރުވުން. ޤައުމުގެ މިއަދުގެ ޙާލަތަށް ބަލާއިރު ވެރިކަންކުރާ ޕާޓީގެ ފުރިހަމަ އަޣުލަބިއްޔަތު އިންތިޚާބީ ހުރިހާ ފަށަލައެއްގައި އޮތުން ވެފައި މިއޮތީ ޖަވާބު ކުރުވަންއޮތް ވަރަށްބޮޑު ގޮންޖެހުމަކަށް.
– ޝިޔާމް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދޭންޖެހޭ އަހައްމިއްޔަތުކަމާއި ޚިދުމަތުގެ ބާރުމިނަށް ވަނީ ވަރަށްބޮޑަށް އަސަރުކޮށްފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް ޤައުމުގެ މިނިވަންކަމާސިޔާދަތާ އިސްތިޤުލާލަށް ބުރޫއަރާފަދަ ކަންކަން ވަންހަނާކުރެވިގެން ކުރެވެމުންދާއިރު ސަރުކާރު ފުރިހަމައަށް ޖަވާބުދާރީ ނުކުރެވޭކަމީ ހިތާމައިގެ ކޮޅެއްނެތް ކަންތައްތަކެއް ކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ފެންނަނީ ނުރޯދަރިއަށް ކިރު ނުލިބޭ އުސޫލުން ކަންކަން ވާތަން. ނައިފަރު، ފާދިއްޕޮޅު އަދި މުޅިޤައުމުގެ ތަރައްޤީއަށާއި ކުރިމަގަށްހުރި ކަންކަން ޙާސިލްކުރުމުގައި އަޅުގަނޑާއެކު މަސައްކަތްކޮށް އަޑުއުފުލުމަށްޓަކައި ޕީ.ޕީ.އެމް ގެ ޓިކެޓުގައި ވާދަކުރައްވާ ނައިފަރުގެ މިޤާބިލް ޓީމަށް ވޯޓުދެއްވުމަށް ނުހަނު ޢަދަބު އިޙުތިރާމާއިއެކު ނައިފަރުގެ ހުރިހާ ލޮބުވެތި ރައްޔިތުންގެ އަރިހުން އެދެން.
– ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވަނީ ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ތިމާގެ މީހާ ނުވަތަ އެކުވެރިޔާއަށް ދެވޭ ވޯޓަކަށްވުރެ ޤައުމުގެ ޙައްޤުގައި ދެވޭ ވޯޓަކަށް ހައްދަވައި ސަރުކާރު ޒިންމާދާރުކުރުވާ ޖަވާބުދާރީ ކުރުވުމުގެ އެންމެބޮޑު މަސްޢޫލިއްޔަތެއް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފުލާ ޕީ.ޕީ.އެމް ގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ