ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިިބިފައިވަނީ 273،128 މީހުންނަށް ކަމުގައި އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް މިއަދު އާއްމުކޮށްފައިވާއިރު، ހައްގު ލިބިފައިވާ މީހުންގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10 ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންނެވެ. އަދި އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރޭ އެންމެނަށް އިންތިހާބުގައި ވޯޓުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ޓެންޓު ޖަހައިގެން ވޯޓުލުމަށް 40 މަރުކަޒު ޤާއިމްކުރާނެއެވެ. ޕެންޑަމިކާއި ގުޅިގެން ކޮންމެ ވޯޓުފޮށްޓަކަށްވެސް އެންމެ ގިނަވެގެން ވޯޓުލެވޭނީ 550 މީހުންނަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ލ ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަކުރުމަށްޓަކައި 550އަށްވުރެ ގިނައިން މީހުން ވޯޓުލާ ފޮށިތައް ދެބަޔަކަށް ބަހައި، އެއަށްވުރެ އަދަދު ވަނީ މަދުކޮށްފައެވެ. މާލޭގެ އިތުރަށް ރަށްރަށާއި ވޯޓުފޮށި ބެހެއްޓުމަށް ރަޖިސްޓަރ ކޮށްފައިވާ ރިސޯޓްތަކުގައިވެސް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރުރައްވާ ގޮތުގައި މިހާތަނަށް އައިއިރު އިންތިޚާބާ ގުޅޭ 70 ވަރަކަށް ޝަކުވާ ހުށައަޅާފައިވެއެވެ. މީގެތެރޭގައި އެންމެ ގިނައީ ވޯޓުލާ މީހުންގެ ރަޖިސްޓްރޭޝަންއާ ގުޅޭ ޝަކުވާތަކެވެ. އެއީ ވޯޓުލާ މީހުންގެ ލިސްޓުގައި ނަން ނެތުންފަދަ މައްސަލަތައްކަމަށާއި، އެކަންކަން މިހާރު ޙައްލުކޮށްދެއްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.
މިމަހުގެ 10ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލާ މީހުންގެ ލިސްޓު ގެޒެޓްގައި އާއްމުކޮށްފައި މިވަނީ ވަގުތީ ލިސްޓެއް ނެރުމަށްފަހު އެއަށް ޝަކުވާ ހުށައެޅުމަށް ފުރުޞަތު ދިނުމަށްފަހުގައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.
ކޮމެންޓު ފޮނުވާ