ކޯވިޑް19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، މާދަމާ ދޭމް ފަށާއިރު، މާދަމަ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 1 އިން 4 އަށް ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް ކަމުގައި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑް19 ދިފާޢު ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރާޒެނެކާ ގުޅިގެން އުފައްޑާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ.
މާދަމާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭންފަށަން ނިންމާފައިވާއިރު، ވެކްސިންދިނުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ވެކްސިން ޖަހަމުންދާ މަރުކަޒުތަކަށް ކަމުގައި އެޗްޕީއޭއިން ބުނެއެވެ. ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝެނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައެވެ. ވެކްސިން ޖަހަން އަންނައިރު ވެކްސިން ކާޑް އަދި އައި.ޑީ ކާޑް/ޕާސްޕޯޓް/ލައިސަންސް ކާޑް ގެނައުމަށް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ. ބަލިން ފުރިހަމައަށް ދިފާޢުވުމަށް އެހީއަކަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންނެވެ.
މިހާތަނަށް ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއްގެ މީހުން ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ބޮޑު އިންސައްތައެއް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 240،773 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ