ކޯވިޑް-19 އައި ގުޅިގެން ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން ކުރިއަށްގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމި ނިންމުން ބާތިލްކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދުގެ އަސްރު ނަމާދަށްފަހު ގައިދުރުކޮށް ނަމާދު ކުރުމަށް ނިންމާފައިވާ ނިންމުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި މިއަދުގެ މައުރިބު ނަމާދުން ފެށިގެން މިކިތްތަކުގައި ނަމާދުކުރާނީ ޖަމާއަތުގައި ކަރިރި ކައިރީ ތިބެގެން ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެންމިސްކިތްތަކުގައި ގައިދުރު ކަމާއިއެކު ނަމާދު ކުރަން ނިންމާފައިވާ ނިންމުން، މިއަދުގެ މަޢުރިބު ނަމާދުން ފެށިގެން ވަނީ ނިމުމަކަށް ގެނެވިފަ.
– މިނިސްޓަރ ވިދާޅުވިއެވެ.
ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން ކުރިއަށްގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމަވައިފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި އިތުރުވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ކަމާބެހޭ އިދާރާތަކުން އިސްލާމިކް މިނިސްޓްރީއާއި ހިއްސާކުރުމާއި ގުޅިގެން އެމިނިސްޓްރީންވަނީ ފަތުވާދޭ މަޖިލީހާއި ދީނީ ޢިލްމުވެރިންނާއި މަޝްވަރާކުރައްވާފައެވެ. މިމަޝްވަރާތަކުގެ ދަށުން މާޗްމަހުގެ އެއްވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ނަމާދުކުރުމުގައި ގައިދުރުކަން ކަށަވަރުކޮށް ރައްކާތެރިކަމަށްޓަކާ ބަލަންޖެހޭ ހުރިހާކަމެއް ކަށަވަރުކުރުމަށްފަހު ނަމާދުކުރުން ކުރިއަށްގެންދާގޮތަށްވަނީ ނިންމަވާފައެވެ.
ނަމާދު ގައިދުރުކޮށް ކުރުމަށް ނިންމި ނިންމުމާއިމެދު ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފަތުވެސް ވެފައިވެއެވެ. ނަމަވެސް ރާއްޖޭގެ ފަތުވާ މަޖިލީހުންވެސް މިހާލަތުގައި ގައިދުރުކޮށް ނަމާދު ކުރެވިދާނެކަމަށް ބުނެފައެވެ.
ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި އިތުރުވުމާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިދިޔަ އަހަރު މެދުކަނޑާލާފައިވެއެވެ. އެހެންނަމަވެސް ކޯވިޑްގެ ކޭސްތައް މަދުވުމާ ގުޅިގެން މިސްކިތްތައް އަލުން ހުޅުވާ ޖަމާޢަތުގައި ނަމާދުކުރަން ފެށިއެވެ.
ކޮމެންޓު ފޮނުވާ