ރާއްޖޭގައި އިންޓަރނެޓް އަގުހެޔޮ ކުރުމަށް ކުރެވުނު މަސައްކަތްތައް ހުއްޓުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ކަމުގައި ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުން މުހައްމަދު މަލީހް ޖަމާލު ވަކިކުރިޔަސް އިިންޓަނެޓްގެ ސްޕީޑް އަވަސް ނުވާ ކަމަށާއި އެކަމަށް ހައްލެއް ލިބޭނީ ކުރިން ވެސް ރާވާފައިވާ ގޮތަށް މި އަހަރު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން މަލީހު ވިދާޅުވީ މަބުރޫކް ދައްކަވަމުންދަނީ ޚިޔަލީ ވާހަކަތަކެއް ކަމަށެވެ.
އިންޓަރނެޓް އަގުހެޔޮ ކުރުމަށްޓަކައި 2019 ވަނަ އަހަރުގެ ޖޫން މަހު ރައީސް އޮފީހަށް ސިޓީއަކުން ދަންނަވާފައިވާނެކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ސަރުކާރުގެ ތެރެއިން ހުރަސް އަޅާފައިވަނީ ރައީސް އޮފީހުގައި އުފައްދަވާފައިވާ ޕޮލިސީ އޮފީހުންކަމަށް މަލީހު ވިދާޅުވިއެވެ. އަދި މިބަދަލު ގެނެސް ސެޕްގައި އެވާހަކަ ލިޔުއްވީވެސް ޕޮލިސީ އޮފީހުންކަމަށް މަލީހު ވިދާޅުވިއެވެ.
މަބުރޫކް ޚިޔާލީ ވާހަކަ ތިޔަ ދައްކަވަނީ. 19 ޖޫން 2019 ގައި ރައީސް އޮފީހަށް ފޮނުވި ސިޓީ ރަނގަޅަށް ކިޔުއްވާ. އޭރު އަގުހެޔޮ ކުރެވުނީސް. އެކަމާ އަޅާނުލައްވާ 2022 ގައި އަގުހެޔޮ ކުރަން ނިމޭ ނިންމީ ޕޮލިސީ އޮފީހުން. ސެޕްގައި އެވާހަކަ ލިޔުނީ ޕޮލިސީ އޮފީހުން. ފާސްކުރަން އަޅުގަނޑުގެ ޚިޔާލެއް ނުހޯއްދަވާ.
– މަލީހު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވީ މިހާރު ޓެލެކޮމް އޮތޯރިޓީން ޕީއޯއާރްއެއް ތައްޔާރުކޮށް، އިންޓަނެޓް މައްސަލަ ރަނގަޅު ކުރަން ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިސްނުމަކީ ޓެލެކޮމް ކުންފުނިތަކުގެ ސާވިސް ކޮލިޓީ ރަނގަޅު ކުރުމަށް މަަސައްކަތް ކުރުން. އެންމެ މުހިންމު ކަމެއް ދޭނެ އެއް ކަމަކީ އެ ބޭފުޅުން ވިދާޅުވާ ސްޕީޑުގައި ތުރޮޓަލް ނުވެ އިންޓަނެޓްގެ ހިދުމަތް ދެވޭނެކަން ކަށަވަރު ކުރުން.
– މަބްރޫކް ވިދާޅުވިއެވެ.
އެ މަސައްކަތް ކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ މޯލްޑިވްސް (ކެމް) އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ރެގިއުލޭޓް ކުރަން ބޭނުންވާ ކަންކަން ނިންމުމުގައި 1.5 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓް ހިމަނާފައިވާ ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ