ފުވައްމުލަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 އޭޕްރިލް 2021 11:30
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލަކުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 31 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެ، ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 164 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި ދަޅެއް ފެނުމާ ގުޅިގެންނެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.