ރާއްޖެއިން ކޯވިޑް-19އަށް އިތުރު 241 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 241 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 73 މީހަކާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 74 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 15 މީހަކާއި، ސިނާޢީ ރަށަކުން ޕޮޒިޓިވްވި 79 މީހެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 24،079 އަށް އަރާފައެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 171 މީހުން ވަނީ ވޭތުވެދިޔަ ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 21،155 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،849 މީހުންނެވެ. މިބަލީގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު އަނެއްކާވެސް ވަނީ މަތި ފަށާފައެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 99 މީހުންނަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،850 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 650،537 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ