ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކަށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން ހަވާލުކުރަން ބުނި ނަމަވެސް މިހާރު ބެލެވޭ ގޮތުން އަންނަ މަހުގެ ތެރޭގައި ފްލެޓް ހަވާލު ކުރެވޭވަރު ވާނެކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް އެކީ ނުނިމުމުން މިމަހުގެ ނިޔަލަށް ފްލެޓްތައް ލިބުނު މީހުންނަށް ފްލެޓް ހަވާލު ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް އުންމީދު ކުރަނީ އަންނަ މަސް ނިމުމުގެ ކުރިން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރުމަށްކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އަދި ފްކެޓްތަކުގެ ޑައުންޕޭމަންޓް ދައްކާނެ މުއްދަތެއް ކަނޑައަޅާފައި ނުވާކަމަށެވެ. ނަމަވެސް ދައުން ޕޭމަންޓަށް ދައްކާނެ އަދަދަކާއި، ދައްކަން ކަނޑައަޅާ މުއްދަތެއް ވަރަށް އަވަހަށް ނިންމިގެން ދާނެކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކަށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން ފަށްޓަވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގެ 7000 އެޕާޓްމަންޓްގެ ތެރެއިން 6720 ފްލެޓް މީހުން ދިރިއުޅުމަށް ވަނީ ހަމަޖައްސާފައެވެ. މި ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް މިހާރު އިޢުލާންކޮށްފައިވާއިރު ފެލްޓްތަކަށް ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅާފައެވެ. އަދި ކަރަންޓުގެ މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރަމުން އަންނައިރު ފްލެޓްތަކުގައި ސްމާޓް މީޓަރުތައް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ