މޮނިޓަރިންގައި އޮތް 10 ރަށެއްގެ ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ މީހުންނަށް އެހީތެރިވަނީ

މޮނިޓަރިންގައި އޮތް 10 ރަށެއްގެ ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ މީހުންނަށް އެހީތެރިވަނީ

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2021 02:30
0

ކޯވިޑް-19 އައި ގުޅިގެން ރަށަށް އަރާފޭބުން މަނާކޮށްފައިވާ 10 ރަށެއްގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑަ މިނިސްޓްރީން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އެއީ ރ.ހުޅުދުއްފާރު، ރ.އުނގޫފާރު، ރ.އަލިފުށި، ރ.މަޑުއްވަރި، ޅ.ނައިފަރު، ޅ.ހިންނަވަރު، ކ.ދިއްފުށި، ކ.ހުރާ، ދ.މީދޫ އަދި ގދ.ތިނަދޫއެވެ. އެ ގޮތުން އެ ރަށްތަކުގެ ކައުންސިލްތަކާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ރަށްރަށުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އެކި ރަށްރަށުގައި އޮތް މޮނިޓަރިންގ ޙާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ޞިއްޙީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ތަކެތީގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ސެނިޓައިޒަރ، މާސްކް އަދި އަންގި ފަދަ ތަކެތި ފޯރުކޮށްދީފައިވެއެވެ.

މީގެ ކުރިން 11 ރަށަކާއި ސިޓީތަކަށް 600 އަށްވުރެ ގިނަ ކެއަރ ޕެކޭޖް އަދި އެހީތެރިކަން ޖެންޑާ މިނިސްޓްރީން ވަނީ ފޯރުކޮށްދީފައެވެ. އެއީ ހއ.ބާރަށް، ކުޅުދުއްފުށި ސިޓީ، ނ.ޅޮހި، ދ.ކުޑަހުވަދޫ، ލ.ކޮޅުފުށި، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގދ.ހޯޑެއްދޫ، ގދ.މަޑަވެލި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.