ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަށް އެދި އެމަނިކުފާނުގެ އާއިލާ އިން ހޯމް މިނިސްޓްރީ އަށް ހުށަހެޅި މައްސަލާގައި އަދިވެސް ގޮތެއް ނުނިންމާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ރައީސް ޔާމީންގެ ގެކޮޅަށް ބަދަލުކުރުމަށް އެދި ހޯމް މިނިސްޓްރީއަށް ހުށަހަޅާފައިވަނީ މީގެ ދެހަފްތާ ކުރިންނެވެ. ރައީސް ޔާމީންގެ ޞިއްޚީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލު ކުރުމަށް އެދުނު ނަމަވެސް މިކަމުގައި އަދި ވަކި ގޮތެއް ނުނިންމިފައިވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކުރި ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް، ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެމްބަރު، 2019 ގައެވެ.
މީގެ އިތުރުންވެސް ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އިތުރު ދެ އަޑުއެހުމެއް ވެސް މިހާރު ކުރިއަށްދެއެވެ.
މަނީލޯންޑްރިންގ ކުށް ސާބިތުވެ، މިހާރުވެސް 5 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ، މަނީ ލޯންޑްރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ. މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
ކޮމެންޓު ފޮނުވާ