އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް ކެންޑިޑޭޓުންނަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ. އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓުގައި އިއްޔެގެ ނިޔަލަށް ސޮއިކޮށް ނިންމާލާފައެވެ. ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަމުންދަނީ އިލެކްޝަންގެ އިންތިޚާބީ މައިމަރުކަޒު، ބާޖަމާލުއްދީނުގައެވެ.
ވޯޓާސް ލިސްޓްގައި ސޮއިކުރަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެވެސް ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށެވެ.
އެއްވެސް ސަބަބަކާއި ހެދި ކެނޑިޑޭޓަށް ލިސްޓުގައި ސޮއިކުރުމަށް ވަޑައި ނުގެންނެވޭނަމަ ކެނޑިޑޭޓަކު ކަނޑައަޅުއްވާ މީހަކަށް ލިސްޓުގައި ސޮއިކުރެވޭނެ ކަމަށް އިލެކްޝަނުން ބުނެއެވެ. ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާނަމަ އެކަން ބަޔާންކޮށް ސޮއިކުރާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ގެންނަން ޖެހޭނެކަމަށް އިލެކްޝަނުން ބުނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.
ކޮމެންޓު ފޮނުވާ