މާލޭގައި އެމްޑީޕީ ކައުންސިލެއް އޮންނަތާ 11 އަހަރު، އެޅުނު ފުލެޓެއް، ކޮށްދެވުނު ކަމެއްނެތް: ސައީދު

މާލޭގައި އެމްޑީޕީ ކައުންސިލެއް އޮންނަތާ 11 އަހަރު، އެޅުނު ފުލެޓެއް، ކޮށްދެވުނު ކަމެއްނެތް: ސައީދު

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2021 12:06
0

މާލެ ސިޓީ ކައުންސިލް އެމްޑީޕީއަށް ދީގެން ރައްޔިތުން ތިބޭތާ 11 އަހަރު ވެފައިވާކަމަށާއި، މިވީ ދުވަސްތަކުގައި މާލެ ސިޓީއަށް އެމްޑީޕީ ކައުންސިލަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްއަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީން އެޅާފައިވާ ފްލެޓަށް މޮޅެތި ނަންނަން ކިޔުމުގެ ބަދަލުގައި އޭގެ ހައްގުވެރިންނާއި އެތަން ހަވާލު ކުރަންޖެހޭކަަަމަށެވެ.

މިސަރުކާރުން ފެނިގެންދަނީ ތަފާތު ބަހަނާ ދައްކައިގެން ފްލެޓް ނުފީ ހިފަހައްޓަން ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން މުއިއްޒުއަށް ކިޔަމުންދިޔަ ފާޑުކިޔުންތަކާއި ގުޅިގެން ސައީދު ވިދާޅުވީ މުޅި އެމްޑީޕީ މުއިއްޒު ފަހަތުން އުޅެނީ ނަތީޖާ ނަރެދެއްވާފައިވާ މީހަކަށް ވުމުންކަމަށެވެ. މުއިއްޒުއަކީ މާލެ ސިޓީއަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދެއްވި ތަރައްޤީގެ އެންމެބޮޑު ހިއްސާއެއް އޮތް ބޭފުޅާކަމަށް ސައީދު ވިދާޅުވިއެވެ.

ހުއްޖަތް ނުދައްކައި ފްލެޓްތަކުގެ ތަޅުދަނޑި ރައްޔިތުންނާއި ހަވާލުކުރޭ. މާލޭގެ ކައުންސިލް އޮންނަތާ 11 އަހަރުވީ، މާލޭގެ ތަރައްޤީއަށް ގެނެވުނު ބަދަލެއް ނެތް. އެޅުނު ފްލެޓެއްނެތް. އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަމަށް ނުކުރާ ވަރުގެ މަސައްކަތް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައި.

– ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފާއިތުވެދިޔަ ދިގު ތާރީހުގައި ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު މާލެ ސިޓީގެ ރައްޔިތުންނަށްޓަކައި ކޮށްނުދެެއްވާ ކަންކަން ރައީސް ޔާމީން ކޮށްދެއްވާފައިވާކަމަށެވެ. އެމަނިކުފާނު ނޫނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ފްލެޓް އެޅުންވި ވެރިޔަކު ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްޑީޕީން ކިތަންމެ ވަރަކަށް މުއިއްޒުއަށް އެންޓި ކެމްޕެއިންކޮށް، މުއިއްޒުގެ އަބުރު ނަގާލަން ކިތަންމެ މަސައްކަތް ކުރިޔަސް މިއިންތިޚާބު ބޮޑުތަނުން މުއިއްޒު ކާމިޔާބު ކުރައްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.