ސްޕެނިޝް ލީގުގައި ރޭ ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ބާސެލޯނާއިން ތާވަލުގެ ކުރިޔަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފިއެވެ.
ރަށުން ބޭރުގައި ރޭ ބާސެލޯނާއިން ގެޓާފޭ އާ ވާދަކޮށް ކުޅުނު މެޗުން ބާސާ ބަލިވީ 1-0 ލަނޑުންނެވެ.
މި މެޗުގައި ގެޓާފޭ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖެއިމީ މަޓާ އެވެ. މި ޕެނަލްޓީ އަކީ ބާސެލޯނާގެ ފްރޭންކީ ޑި ޔޮންގް ގެޓާފޭގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. ރޭގެ މެޗަކީ މި ސީޒަނުގައި މިހާތަނަށް ބާސެލޯނާ ބަލިވި ފުރަތަމަ މެޗެވެ. ބާސެލޯނާ ފުރަތަމަ ފަހަރަށް ބަލިވި މެޗުގައި ބާސެލޯނާ އަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
ރޭގެ ނަތީޖާ އާއެކު ގެޓާފޭ ދިހަ ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް އެރިއިރު ބާސެލޯނާ އޮތީ ހަތް ޕޮއިންޓާއެކު ޓޭބަލްގެ ނުވަ ވަނައިގަ އެވެ. އަމިއްލަ ރަށުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން އެ ޓީމު ބަލިވި ނަމަވެސް 10 ޕޮއިންޓާއަކު ގޯލުގެ ތަފާތުން އަދިވެސް އެ ޓީމު އޮތީ އެއްވަނައިގަ އެވެ.