އެންޑީއޭ އިސްލާހު ކުރުމަށް 1،000 ވުރެ ގިނަ މީހުންގެ ސޮޔާއިއެކު މަޖިލީހަށް ޕެޓިޝަނެއް

އެންޑީއޭ އިސްލާހު ކުރުމަށް 1،000 ވުރެ ގިނަ މީހުންގެ ސޮޔާއިއެކު މަޖިލީހަށް ޕެޓިޝަނެއް

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 11:24
0

ނޭޝަނަލް ޑްރަގް އޭޖެންސީގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް 1050 މީހުންގެ ސޮޔާއިއެކު މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްއެވެ. މިމައްސަލަ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ ގިނަބައެއްގެ ކަންބޮޑުވުން އޮތް މައްސަލައަކަށް މިމައްސަލަވުމުން މިކަމުގައި ބަލަންޖެހޭ ކަންކަންބަލައި ވީހާވެސް އަވަހަށް ރިޕޯޓް ތަޅުމަށް ފޮނުވަމަށް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެންޑީއޭގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް ހުށަހަޅާފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށްވާއިރު، މިމަސްއޫލިއްޔަތު އަދާކުރަން ޤާނޫނުން މަތިކޮށްފައިވާ ނޭޝަނަލް ޑްރަގް އޭޖެންސީ އަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށެވެ.

އެގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ) ގެ މައްޗަށް ލާޒިމްކޮށްފައިވާ 8 މަސްޢޫލިއްޔަތެއްވާއިރު، އޭގެން އެއްވެސް ކަމެއް އެކަށީގެންވާ ހަރުދަނާ ގޮތެއްގައި ކުރުމަށް އެންޑީ ވަނީ ނުކުޅެދިފައިކަމަށް މި ޕެޓިޝަންގައި ބުނެފައިވެއެވެ. މިހެން މިކަން ވާންޖެހޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ޕެޓިޝަންގައި ބުނެފައިވަނީ މީގެ 24 ވަރަކަށް އަހަރުކުރިން އެޖެންސީ (އެހެން ނަމެއްގައި) ވުޖޫދަށް އައިރުވެސް ގެންގުޅުނު ނިޒާމްތަކާއި ބޯދާ ޢުޞޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވުންކަމަށެވެ.

މިޕެޓިޝަން ހުށަހެޅި މީހުންވަނީ ވީހާވެސް އަވަހަށް މިމައްސަލައަށް ހައްލު ގެނެސް ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ) އަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް އެދިފައެވެ. އަދި މިކަމުގައި އަވަސް ހައްލުތަކެއް ގެނެސް ޒުވާނުންގެ ތެރެއިން އެތައްބަޔަކު މަސްތުވާތަކެތިން ސަލާމަތްވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށްވެސް ޕެޓިޝަންގައި ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.