އިންތިޚާބާއި ދިމާކޮށް ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ މައްސަލަތަކަށް ހައްލުހޯދައިދެނީ

އިންތިޚާބާއި ދިމާކޮށް ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ މައްސަލަތަކަށް ހައްލުހޯދައިދެނީ

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 09:49
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް ލައިސަންސު ނެތި ޖޫރިމަނާކޮށްފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވެއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. ހަސަން ހުށަހެޅުއްވި މައްސަލާގައި ވަނީ ލައިސަންސް ލިބުނު ކަމުގައިވިޔަސް ޓްރެފިކް ވައިލޭޝަންތަކާއި ގުޅިގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ ޖޫރިމަނާ އިތުރުވުމުގެ ސަބަބުން ލައިސަންސް ނުނެގިފައިވާ އެތައް ފަރާތެއްވެސް އެބަ ތިއްބިކަމަށެވެ. އެފަރާތްތަކަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސް ފާއިތުވަމުންދާ ދިޔުމަކީ އޭގެ ސަބަބުން އެފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެއްކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

2019 އާއި 2020 ވަނަ އަހަރު،ގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު 2365 ފަރާތެއް، އަދި 2020 ވަނަ އަހަރު 2658 ފަރާތް ވަނީ ޖޫރިމަނާ ކޮށްފައެވެ. މީގެ ތެރޭގައި ޢުމުރުން 18 އަހަރު ނުފުރޭ 330 ކުދީން އެބަ ތިއްބިކަމަށް ވަނީ ބުނެފައެވެ. މިފަރާތްތަކުގެ ތެރެއިން އެތައް ބަޔަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު ޖޫރިމަނާ ކުރެވުމުގެ ސަބަބުން އެތައް ހާސް ރުފިޔާއެއް ދައްކަންޖެހި އެހެން ނަމަވެސް އެ ޖޫރިމަނާ ދައްކާނެ ގޮތެއް ނެތިފައި ތިބި ޒުވާނުންކަމަށް މިމައްސަލާގައި ވަނީ ބުނެފައެވެ.

ޤާނޫނީ ގޮތުން މިކުދިންނަށް ހޯދޭނެ ހައްލަކާއި ގުޅޭގޮތުން ހަސަން ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަަށުން ޖޫރިމަނާކުރެވޭ ފަރާތްތަކުގެ ތެރެއިން، ޖޫރިމަނާގެ ޢަދަދު 10،000.00 (ދިހަހާސް ރުފިޔާ) އަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމަޢަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީޢަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށެވެ.

ކޯޓުން ނެރޭ އަމުރައި ގުޅިގެން ހެދޭ ގަވާއިދުގައި 6 ކަމެއް ހިމެނުމަށް ހަސަން ވަނީ ހުށަހަޅުއްވާފައެވެ.

1- ކޮމިއުނިޓީ ސަރވިސްގައި ބައިވެރިވެވޭނެ ހާލަތްތަކާއި އެކަމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި،

2- ކޮމިއުނިޓީ ސަރވިސްގެ ގޮތުގައި ކުރެވިދާނެ މަސައްކަތްތަކާއި، އެމަސައްކަތް ކުރެވިދާނެ ތަންތަން ކަނޑައެޅުމާއި،

3- އެމަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ އަދާކުރުމުގެ ގޮތުން ފައިސާ އުނިކުރެވޭނޭ އުޞޫލު ބަޔާންކުރުމާއި،

4- ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް ނުކުތުން ޝަރުޠުކުރެވުމާއެކު އެފަރާތްތަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެކަން ބަޔާންކުރުމާއި،

5- ދައްކަންޖެހި ނުދައްކާވާ ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އުޞޫލު ބަޔާން ކުރުމާއި،

6- ޖޫރިމަނާ އެކުގައި މަޢާފްކުރެވޭނޭ ހާލަތްތައް ބަޔާން ކުރުން.

މިމައްސަލަ ހުށަހެޅުއްވުމަށްފަހު ވަހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ޒުވާންނަށް ދިމާވެފައިވާ މިމައްސަލައަކީ އަވަސްހައްލެއް ހޯދަން ޖެހޭ މައްސަލައެއްކަމަށެވެ. މުޅި ހަޔާތް މި ޖޫރިމާނާތަކުގެ ދަށުގައި ތާށިވެފައި ބޭތިއްބުމުގެ ބަދަލުގައި މިކުދިންނަށް އަވަސް ހައްލެއް ލިބުމަކީ ޤާނޫނުގެ ދަށުންވެސް ކުރަންޖެހޭ މަސައްކަތް އަވަސް ކުރަންްޖެހޭ ކަމެއްކަމަށް ހަސަން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.