މިސަރުކަރަކީ ވައްކަމަށް ޖާގަ ދޭނެ ސަރުކާރެއް ނޫންކަމަށާއި، އެފަދަ ކަންކަމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ރައްދު ދެއްވައިފިއެވެ.
ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް ނޭދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކަށް އިޝާރާތްކޮށް މަޖިލިސްގެ ރިޔާސަތުގައި ނަޝީދު އިންނަވަނިކޮށް ރޮޒޭނާ ވިދާޅުވީ މިސަރުކާރާއި، ރައީސް ޞާލުހުއާއި ދިމާލަށް ވައްކަން ކުރާ މީހެކޭ ނުވަތަ ވައްކަން ކުރާ ސަރުކާރެކޭ ނުބުނެވޭނެކަމަށެވެ.
ކޮންމެ ސަރުކާރެއްގައިވެސް ވައްކަން ކުރާ މީހުންނާއި ވައްކަމަށް ޖާގަދޭނެ މީހުން ތިބޭނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި މިސަރުކާރުގެ ތެރޭގައި ތިއްބެވި އެފަދަ މީހުންނާއިމެދުވެސް އަޅަންޖެހޭ ފިޔަވަޅު އަޅައި މުއައްސަސާތަކަށް އެއްވެސް ނުފޫޒެއްނެތި މަސައްކަތް ކުރުމުގެ ޖާގަ ރައީސުލްޖުމްހޫރިއްޔާ ދެއްވަމުންދާކަމީ ފެންނަމުންދާ ހަގީގަތްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
މިސަރުކާރުން ވައްކަމަކަށް ހިތްވަރެއްނުދޭ. މިސަރުކާރުން ވައްކަމެއް ނުކުރޭ. ކޮންމެ ސަރުކާރެއްގައިވެސް ވައްކަން ކުރާ މީހުންވެސް އިހުމާލުވާ މީހުންވެސް ތިބޭ. އެކަމުގެ އެކަންކަމަށް މިސަރުކާރުން ޖާގަ ނުދޭ. ރައީސުލްޖުމްހޫރިއްޔާ ގެންދަނީ ހުރިހާ މުއައްސަސާއަކަށް ދެއްވަންޖެހޭ އެއްބާރުލުން ދެއްވަމުން.
– ރޮޒޭނާ ވިދާޅުވިއެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ރައީސް ރައީސް ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލަ މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑުކަމަށެވެ. އަދި ސަރުކާރު މިކަމުގައި ބައިވެރިވާތަން ފެންނަކަމަށާއި، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް ނޭދޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ