ދުނިޔޭގެ ބޮޑެތި ޝިޕިންލައިންތައް އެކި ކަންކޮޅުތަކަށް މުދާ ސަޕްލައި ކުރުމަށް ބޭނުން ކުރާ ސުއޭޒް ކެނަލްގައި ބީހުނު ކޮންޓެއިނަރު އުފުލާ ބޯޓު ފުންކޮށްފިއެވެ.
ބޯޓު ފުންކޮށްފައިވަނީ މިސްރު ގަޑިން ފަތިހު 5:30 ހާއިރުއެވެ. އެއީ ރާއްޖެ ގަޑިން މިއަދު ހެނދުނު 8:30 ހާއިރުއެވެ. އެމްވީ އެވަރ ގިވެން ނަމަކަށް ކިޔާ، ދުނިޔޭގެ އެންމެ ބޮޑު އާގު ބޯޓުތަކުގެ ތެރޭގައި ހިމެނޭ މިބޯޓު ސުއޭޒް ކެނަލްގައި ހުރަސް ވުމުގެ ސަބަބުން އެމަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ ގެންދިއުމަށް ވަނީ ގޮންޖެހުމަކާ ކުރިމަތިިލާންޖެހިފައެވެ.
ބޯޓު ފުންކުރެވިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓަގު ބޯޓުތައް ބޭނުންކޮށްގެން ބޯޓު ކެނަލްއިން ބޯޓު ނެރުމުގެ މަސައްކަތްކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އަންގާރަދުވަހުން ފެށިގެން ބަންދުވެފައިވާ ކެނަލް އަލުން ހުޅުވޭނެ ވަގުތެއް އަދި ނޭނގޭކަމަށް އޮފިޝަލުންނާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ.
މި ހާދިސާއާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރަބީ ވިދާޅުވީ 400 މީޓަރުގެ ދިގުމިނުގެ އާގު ބޯޓު ބީހެން މެދުވެރިވި މައިގަނޑު ސަބަބަކީ މޫސުން ގޯސްވުންކަމަށް ބުނެވެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ފެންނަނީ އެގޮތަށްކަމަށެވެ. އުސާމާ ވިދާޅުވީ މި ހާދިސާ މެދުވެރިވުމުގައި ޓެކްނިކަލް މައްސަލަތަކެއް ނުވަތަ ހިއުމަން އެރާއެއް އުޅުމަކީ ގާތްކަމެއްކަމަށާއި، މިކަމާއި ބެހޭ ތަހުޤީޤީ ރިޕޯޓު އާއްމުވުމުން ހުރިހާ ކަމެއް ސާފުވާނެކަމަށްވެސް އުސާމާ ވިދާޅުވިއެވެ.
މުޅި ދުނިޔޭގައި، ކަނޑު ހުރަސްކޮށް އުފުލޭ ކާރގޯގެ %12 އުފުލުމަށް ބޭނުންކުރެވޭ މި މަގު ބަންދު ވެފައި އޮތުމުގެ ސަބަބުން، ކޮންމު ދުވަހަކަށް، އޭޝިއާ އަދި ޔޫރަޕާ ދެމެދު އުފުލޭ 9.6 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ގާކޯ އޭގެ މަންޒިލްތަށް ފޯރުކޮށް ނުދެވި ދަނީ ހިފެހެއްޓެމުންނެވެ. މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ ހޮނިހިރުދުވަހާ ހަމައަށް 300 އަށްވުރެ ގިނަ އުޅަނދު ސުއޭޒް ކެނަލްއަށް ވަނުމަށް ކިޔޫގައި އެބައޮތްކަމަށެވެ.
ސުއޭޒް ކެނަލްއަށް ހުރަސްވެފައިވާ ބޯޓުގައި ރާއްޖެއަށް ރަމަޟާންމަހަށް ގެނަ ގިނަ ޢަދަދެއްގެ މުދާ ހުރިކަމަށް ރާއްޖޭގެ ވިޔަފާރިވެރިންވެސް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ