ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކުރުމާއި ގާތަށްވެސް މަސައްކަތް ނުކުރެވޭ: ކޮމިޓީ ރިޕޯޓް

ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކުރުމާއި ގާތަށްވެސް މަސައްކަތް ނުކުރެވޭ: ކޮމިޓީ ރިޕޯޓް

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2021 10:44
0

ސަރުކާރުގެ "ސްޓްރެޓ ޖިކް އެކްޝަން ޕްލޭން 2023-2019 "ގައި ބޯހިޔާވަހިކަމާގުޅޭ މައިގަނޑު ސިޔާސަތުތައް ތަންފީޒު ކުރުމާއި ގާތައްވެސް އަދި މިހާތަނަށް މަސައްކަތް ކުރެވިފައި ނުވާކަމަށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން އެކުލަވަލި ރިޕޯޓުގައި ބުނެފިއެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ ސަރުކާރުގެ "ސްޓްރެޓ ޖިކް އެކްޝަން ޕްލޭން 2023-2019 "ގައި ބޯހިޔާވަހިކަމާގުޅޭ މައިގަނޑު 3 ސިޔާސަތެއް ބަޔާންކޮށްފައިވާއިރު، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަޅަން ކަނޑައަޅާފައިވާ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ނިންމުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެކަންކަން ޖުމުލަކޮށް ތަންފީޒުކޮށް ނިމިފައި ނުވާކަމަށެވެ. އަދި އެ ސިޔާސަތުތަކުގެ އަމާޒަށް މިހާތަނަށް އަދި ވާޞިލުވެވިފައިނުވާކަމަށެވެ.

ރިޕޯޓުގައި ބުނެފައިވަނީ ސަރުކާރުގެ "ސްޓްރެޓ ޖިކް އެކްޝަން ޕްލޭން 2023-2019 "ގައި ބަޔާންކޮށްފައިވާ ސިޔާސަތުތައް ތަންފީޒު ކުރެވިފައިވޭތޯ ބެލުމަށާއި، އެކަންކަން ތަންފީޒުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ގޮސްފައިވާ މިންވަރު ސާފުކޮށްދިނުމަށް އެދި، މަޖިލީހުން މިނިސްޓްރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ދެންނެވުމުންވެސް ިހާތަނަށް އެކަން އޮޅުން ފިލުވައި ދީފައި ނުވާކަމަށް ވަނީ ބުނެފައެވެ. އަދި އެ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާކަން ސާފުނުވާކަމާއި، އެ މަސައްކަތްތައް ގޮސްފައިވާ ހިސާބު މިހާތަނަށް އެނގިފައިނުވާކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރރުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ރިޢާޔަތްކުރާއިރު، މާލޭގެ ސަރަޙައްދަށް އަމާޒުކޮށްފައިވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުތަކާއި ދިވެހިރާއްޖޭގެ އެހެން ރަށްރަށުގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް ރާވާފައިވާގޮތާމެދު ފަރަޤެއްވާކަމަށް ފާހަގަކުރެވޭކަމަށާއި، އަދި މުޅި ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިހާތަނަށް ނިމިފައިނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައެވެ.

މިކަން ކަމުގެ އިތުރުން ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކަކާއި އިދާރާތަކަކާއެކު އެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ކުރިއަށް ގެންދަން ފަށާފައިވާ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ޖުމުލަކޮށް ކުރިއަށް ނުދާކަމަށާއި، އަދި، އެ މަޝްރޫޢުތައް ކުރިއަށްދާ މިންވަރަށް ބަލާއިރު ލަސްތަކެއް ހުރިކަމާއި، އެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތަކާއި ދިމާވެފައިވާ މައްސަލަތައް އަވަހަށް ދެނެނުގަނެވިއްޖެނަމަ، އެ މަޝްރޫޢުތައް ނިންމުމުގައި ލަސްތަކެއް އަންނާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އަދި 2018 ވަނަ އަހަރުގެ ތެރޭގައި ހިޔާ މަޝްރޫޢުގެ ފްލެޓްތައް އިޢުލާނުކުރެވުނު ދުވަސްވަރު ގިނަ ޢަދަދެއްގެ ރައްޔިތުންތަކެއް ދަފްތަރުގައި ޖެހިފައިވާކަށާއި، އެގޮތުން، މާލޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ބޯހިޔާވަހިކަމެއް ހަމަޖެހިފައިނުވަނީސް، މާލޭގައި ދިރިނޫޅޭ ގިނަ ޢަދަދެއްގެ ބަޔަކު ކުއްލިއަކަށް ދަފްތަރަށް އިތުރުވެފައިވާއިރު، ފާއިތުވި އަހަރުތަކުގެ ތެރޭގައި ދަފްތަރަށް މީހުން އިތުރުނުވާވަރަށް އެ އަހަރު އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.  އަދި، 2018 ވަނަ އަހަރު ކުއްލިގޮތަށް ދަފްތަރުގައި މީހުން ޖައްސާފައިވަނީ ބައެއް މީހުން ރަށްރަށުގެ ރަޖިސްޓަރީން ނުކެނޑިކަމަށް މާލެ ސިޓ ކައުންސިލުން ފާހަގަކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިކަންކަމަށް ރިޢާޔަތްކޮށް ކޮމިޓީން ވަނީ 2018 ވަނަ އަހަރު ދަފްތަރުގައި ގިނަ ޢަދަދަކަށް އެއްފަހަރާ މީހުން ޖެހިފައިވާ އުސޫލުތައް ސާފުވާންނެތުމުން، މާލެ ސިޓީ ކައުންސިލުން އެކަން ހިނގާފައިވާގޮތް ރަނގަޅަށް ދިރާސާކޮށް ބެލުމަށްް ދެންނެވުމަށް ނިންމާފައެވެ. އަދި ދަފްތަރުގައި މިހާތަނަށް ޖެހި، ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ ފަރާތްތަކަށާއި، މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އަވަސް ޙައްލެއް ހޯދައިދިނުމަށާއި، ދަފްތަރާ ގުޅޭގޮތުން ހަރުދަނާ ސިޔާސަތުތަކެއް ސަރުކާރުން އެކުލަވާލުމަށް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaufaa
Dhafutharugai sharuthu hamanuvaa meehaku jassaafai vaanama emeehaku unikoh lavvaa!