ކުރީގެ ހައުސިން މިނިސްޓަރ އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒުއާއި ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ މައްސަލައަކީ ދުރާލާ ޕްލޭން ކުރެވިގެން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށްގެންދާ ތަޙުޤީޤުތަކެއްކަމަށް އޭސީސީން ބުނެފިއެވެ.
ޑރ.މުޢިއްޒު އޭސީސީއަށް ހާޒިރުކުރި ކުރުމަކީ ސިޔާސީގޮތުން އެކޮމިޝަނުން ކުރިކަމެއްކަމަށް ދޭހަވާގޮތަށް ޑރ.މުޢިއްޒު ވާހަކަ ދައްކާފައިވާކަމަށް ބުނެ އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކާ ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދިނުމުގައި، ތަޙުޤީޤުތަކަށް ހާޒިރުކުރާ ފަރާތްތަކާއި އެފަދަ ފަރާތްތައް ހާޒިރުކުރާ ދުވަސްތަކުގެ މަޢުލޫމާތަކީ، އާންމު އުސޫލުން ކޮމިޝަނުން ދެމުންދާ މަޢުލޫމާތެއް ނޫންކަމަށެވެ.
އެގޮތުން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން މީޑިއާއަށް ދީފައިވަނީ ކޮމިޝަނުން ނޫންކަމަށާއި، އެހެން ފަރާތަކުން އެކަން މީޑިއާއަށް ހިއްސާކޮށް، ކޮމިޝަނުގެ ތަޙުޤީޤަށް ހާޒިރުކުރާ ކުރުމަކީ ސިޔާސީ ވަކި ވިސްނުމެއްގައި ކުރާކަމެއްކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތެކެއް ކަމުގައިވެސް އޭސީސީން ބުނެފައިވެއެވެ.
23 މާރިޗު 2021 ގައި ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ދިމާކޮށް ނުފޫޒު ފޯރުވަންކަމަށް ވާހަކަ ދެކެވޭއިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އިޢުލާނުކުރިފަހުންވެސް މީގެކުރިން ޑރ.މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވާނެއެވެ. ނަމަވެސް، އޭރުގައިވެސް ކޮމިޝަނުގެ ފަރާތުން އެކަން މީޑިއާއަށް ހިއްސާކޮށްފައެއް ނުވާނެއެވެ.
– އެންޓި-ކޮރަޕްޝަން ކޮމިޝަން
އެހެންކަމުން، ޑރ. މުޙައްމަދު މުޢިއްޒު އޭސީސީއަށް ހާޒިރުކުރުމަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮމިޝަނުން ކުރާ ކަމެއްކަމާއި، އެއީ ވަކި ފަރާތަކުން އަންގައިގެން ކޮމިޝަނުން ކުރާ ކަމެއްކަމަށް ދެކެވޭ ވާހަކަތަކަކީ، ޙަޤީޤަތާ ޚިލާފަށް އަދި ކޮމިޝަނާމެދު އާންމުންގެ މެދުގައި ނުބައި ތަޞައްވުރެއް އުފެއްދުމަށް ދެކެވޭ ވާހަކަތަކެއްކަމުގައ އޭސީސީން ބުނެފައިވެއެވެ. އެކަމާމެދު އެކޮމިޝަނުން ކަންބޮޑުވާކަމަށާއި، އެ ކޮމިޝަނުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅުވައި މީސް މީޑިއާގައި ކޮމިޝަނުގެ މެމްބަރުންނަށް ފުރައްސާރަކަރަމުންދާކަން ފާހަގަކުރެވޭކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ. ނަމަވެސް، އެފަދަ ފުރައްސާރަތަކަށް ބެލުމެއްނެތި، ޤާނޫނީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހި ދެމިތިބޭނެކަމަށްވެސް އޭސީސީން ބުންޏެވެ.
އޭސީސީން މިހެން ބުނެފައިވާއިރު، ޑރ.މުއިއްޒު ހާޒިރު ކޮށްފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ނޭގެއެވެ.
މާލެ ސިޓީ ކައުންސިލަށް ޑރ.މުއިއްޒު ވާދަކުރައްވަން ނިންމެވި ހިސާބުން ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ބިރު ދެއްކުމުގެ އެކި ތުހުމަތުތައް ކުރައްވައި، އެކި މައްސަލަތައް މުއިއްޒުއަށް އަމާޒު ކުރަމުންނެވެ. އެގޮތުން ނޫމަޑި މައްސަލައާއި، ހިޔަ ހައުސިން ޔުނިޓްތަކާއިގުޅުވައިގެން މުއިއްޒުއަށް އެކި ތުހުމަތުތައް ކޮށްފައިވެއެވެ. މާލެ ސިޓީއަށް މިފަހަރު ޑރ.މުއިއްޒު އިންތިޚާބު ވެދާނެކަމުގެ ބިރު ސަރުކާރަށްހީވެފައިވާއިރު، ސަރުކާރުން ދަނީ މުުއިއްޒުއާއި ގުޅުވައިގެން އެކި ވާހަތައް ދައްކަމުންނެވެ.
ޚާއްސަކޮށް ސަރުކާރުގެ މަތީފަންތީގެ ބޭފުޅުންނާއި، މަޖިލިސް ރައީސްގެ ބަހުގެ ހަމަލާތައް ޑރ.މުއިއްޒުއަށް ދަނީ ރައްދު ކުރަމުންނެވެ. ނަމަވެސް މުއިއްޒު މީގެއިއް އެއްވެސް ވާހައަކަށް ރައްދު ނުދެއްވައި ވިދާޅުވެފައިވަނީ ހުންނެވީ ހައްގުގެ މަގުގައި ސާބިތުކަމާއި އެކުގައިކަމަށެވެ.
ކޮމެންޓު ފޮނުވާ