ފާއިތުވި 2 އަހަރު ތެރޭ ޓީބީގައި 6 މީހަކު ނިޔާވި

ފާއިތުވި 2 އަހަރު ތެރޭ ޓީބީގައި 6 މީހަކު ނިޔާވި

Author
މުޙައްމަދު ޖިމީ
24 މާރޗް 2021 02:15
0

ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ޓީބީ ބަލީގައި 6 މީހަކު ރާއްޖޭގައި ނިޔާވެފައިވާކަމަށް އައިޖީއެމްއެޗްގެ ތަފަސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަދަކީ ދުނިޔޭގެ ޓީބީ ދުވަހެވެ. ކޮންމެ އަހަރެއްގެ މާރިޗް މަހުގެ24 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައެވެ. މިދުވަހުގެ މިއަހަރުގެ ޝިއާރަކީ "ދަ ކްލޮކް އިޒް ޓިކިންގް "އެވެ. މި ޝިޔާރުން ހާމަކޮށްދެނީ ދުނިޔޭގެ އެކި ގައުމުތަކުންނާއި ލީޑަރުން ޓީބީ ބަލި ދުނިޔެއިން ނައްތާލުމަށް ހަރަކާތްތެރިވުމަށް އޮތް ވަގުތު ކުޑަތަންވަމުން އަންނަކަމުގެ މުހިއްމުކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ ޓީބީ ބަލީގައި އައި.ޖީ.އެމް.އެޗް އިން ފަރުވާދެމުންދިޔަ ބަލިމީހުންގެ ތެރެއިން 2019 އާއި 2020 ވަނަ އަހަރާއި ދެމެދު 6 މީހަކުވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ. އާރު.އައި.ޑީ.ޑީ.ޔޫ ގައި 2019 އާއި 2020 ވަނަ އަހަރުގެ ތެރޭގައި 993 އަށްވުރެ ގިނަ ޓީބީ ކޮންސަލްޓޭޝަން ހިންގާފައިވާއިރު 6215 ސްޕިއުޓަމް ސްމިއަރ ނުވަތަ ކުޅުގެ ސާމްޕަލް ނެގުމުގެ ޓެސްޓް ހދާފައިވާކަމަށް އައިޖީއެމްއެޗްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 2098 ޖީންއެކްސްޕާޓް ޓެސްޓަށް ސާމްޕަލް ހަދާފައިވެއެވެ.

ޓީބީ އަކީ ބެކްޓީރިއާ އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ވައިގެ ޒަރިއްޔާއިން ގައިންގަޔަށް ފެތުރޭ މިމި ބަލި ޖެހެނީ ފުއްޕާމެއަށެވެ. ޓީބީ އަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނަމީހުން މަރުވާ 10 ބަލީގެ ތެރެއިން އެއް ބައްޔެވެ.

ރާއްޖެއިން ޓީބީ ނައްތާލުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނައިރު އެކަމަށް ހޭލުންތެރިކުރުވުމަށްވެސް އައިޖީއެމްއެޗް އިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.