މިސަރުކާރުގެ ވަޢުދުތައް ނުފުއްދޭތީ އެމްޑީޕީ ސަލާމަތްކުރުމަށް ރައީސް މައުމޫންގެ އިސްތަށިފުޅުގައި ހުރިހާކަމެއް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދު އަޅުއްވަމުންދާކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ތެރެއިން އެންމެ ފުރަތަމަ ދިމާވި ދައްޗަކީ އެމްޑީޕީގެ ސިޔާސަތުތަކާއި ދުރު ރައީސް މައުމޫންގެ ވަޒީރަކަށް އެ މަޤާމު ލިބުން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
އެކަމަށް ރައްދުދެއްވާ އާދަމް ޝަރީފް ވިދާޅުވީ ސަރުކާރަށް ރައްޔިތުންނަަށް ވެ ވަޑައިގެންނެވި ވަޢުދުތައް ނުފުއްދޭތީ އެމްޑީޕީ ސަލާމަތްކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އިސްތަށިފުޅުގައި ކަންކަން އަޅުއްވަމުން އަންނަކަމަށާއި، ސަރުކާރު ކޯލިޝަން ފެއިލްވަމުން އަންނަކަމަށެވެ.
ސަރުކާރުގެ ވަޢުދު ނުފުއްދޭތީ އެމްޑީޕީ ސަލާމަތްކުރަން ރައީސް ނަޝީދު ކުރައްވާ ކަމަކީ ރައީސް މައުމޫން ބޮލަށް ތުޅާ ފެތުރުން. ކޯލިޝަން ސަރުކާރު ދަނީ ފެއިލްވަމުން. ރައްޔިތުން އޮތީ ޕީޕީއެމްއަށް.
– އާދަމް ޝަރީފް
Sarukaaruge vaudhuthah nufudhdheythee, @MDPSecretariat salaamaiy kuran @MohamedNasheed kuravvaa kamakee @maumoonagayoom bolah thulhaa feththun. Coalition sarukaaru dhanee fail vamun. Rayyithunge thaaeedhu othee PPM ah, IA #Mieemageyraajje ah vote dhevvaa! https://t.co/nrl8N9QgQ9
— Adam Shareef Umar (@Adamshareefz) March 23, 2021
މިސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރަކީ އާމިނަތު އާޠިފައެވެ. އެކަމަނާ ވަޒީރުކަމުގައި ހުންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ ސްލޮޓެއްގައެވެ. ނަމަވެސް އެކަމަނާ އިސްތިއުފާދެއްވުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހައުސިން މިނިސްރީ، ޕްލޭނިން މިނިސްޓްރީއާއި އެއްކޮށްލާފައެވެ. ޕްލޭނިން މިނިސްޓަރަކަށް ހުންނެވީ އެމްޑީޕީގެ މުޙައްމަދު އަސްލަމެވެ.
ނަމަވެސް މިސަރުކާރު ދައުރު ދެބައިވެގެން ދިޔައިރުވެސް ހައުސިންގެ އެއްވެސް މަޝްރޫޢުއެއް ކުރެވިފައިނުވާކަަމށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ރައީސް ވަނީ މިއަހަރު މާލެ ސަރަހައްދުގައި 5 ހާސް ހައުސިން ޔުނިޓް ޢިމާރާތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން 20 ހާސް ހައުސިން ޔުނިޓް އަޅުއްވާނެކަމަށް ވަޢޫދުވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ