މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގައި އެންމެ ފަހުން ގިނގި ދެ ހާދިސާ ހިނގުމުގައި އެތަނުގެ އިހުމާލު އޮތްކަމަށް ދެކި، އިހުމާލުވީ ފަރާތްތަކަމެދު ޖިނާޢީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޮންޑް އެންޓަޕްރައިޒަސް ކޮމިޓީން ފާސްކޮށްފިއެވެ.
އެންމެ ފަހުން އެމްޕީއެލްގައި ހިނގި އެއް ހާދިސާއަކީ ކާޕެޓް ރޯލެއް މީހެއްގެ ގައި މައްޗަށް ވެއްޓުމެވެ. އޭނާއަށް ފަރުވާދެމުން އަންނަނިކޮށް ވަނީ ނިޔާވެފައެވެ. މީގެ އިތުރުން ބިއްލޫރި ޕެލަޓެއް މީހެއްގެ ގައިމައްޗަށްވެސް ވެއްޓި، އޭނާވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާތަކުގައި އިހުމާލުވުންތަކެއް ހުރިކަމަށް ބުނެ އެމްޕީއެލްއިން ވެސް އެތަނުގެ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށްފައިވެއެވެ.
އެމްޕީއެލްގައި ހިނގި ހާދިސާތައް އެސްއޯއީ ކޮމިޓިން ބަލައި ފާސްކޮށްފައިވާ ރިޕޯޓްގައި ވަނީ، މާލޭ ވިޔަފާރީ ބަނދަރުގައި ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާގައި އިހުމާލުވި އެންމެހާ ފަރާތްތަކަށް ޖިނާއީ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދަންނަވާ އަދި ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓު އެސްއޯއީ ކޮމިޓީއަށް ފޮނުއްވައި ދެއްވުމަށް ދެންނެވުމަށެވެ.
މި ހާދިސާއާއި ގުޅިގެން ކޮމިޓީއަށް ޙާޒިރުކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީން ހިއްސާކުރި މަޢުލޫމާތުތަކަށް ބަލައި ކޮމިޓީގެ ރިޕޯޓްގައި ވަނީ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރުމަށް ހަދަންޖެހޭ އެސްއޯޕީއަށް މިހާތަަނަށްވެސް ހަދާފައި ނުވުމެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ރިސްކް އެސެސްމަންޓެއް ހަދަންޖެހޭއިރު، އެވެސް ހަދާފައި ނުވުމާއި، ޗެކްލިސްޓްވެސް ނެތްކަމަށް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މަޖޫރީން ބަނދަރުގައި މަސައްކަތްކުރާނެ ގައިޑްލައިނެއްވެސް އެކުލަވާލާފައި ނުވާކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.
މީގެ އިތުރުން ބަނދަރުގައި މަސައްކަތްކުރާ މަޖޫރީންނަށް ދޫކުރާ ހެވީ ވެހިކަލް ދޫކުރާނެ އުސޫލެއް ނެތުމާއި އެ ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލްތައްވެސް ނެތްކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.
މިނޫނަސް މަޖޫރިންނާއި އަދި ބަނދަރުގައި ފުރިހަމަވާންޖެހޭ ވަރަށް ގިނަ ކަންކަން ފުރިހަމަނުވެ އަދި އެކުލަވާލަންޖެހޭ އުސޫލްތައް ހެދިފައިނުވާތީ، އެކަންކަން އިސްލާހުކުރުމަށް ކޮމިޓީން ވަނީ އެމްޕީއެލްއަށް ދެންނެވުމަށްވެސް ރިޕޯޓްގައި ހިމަނާފައެވެ.
އެމްޕީއެލްގައި އެންމެ ފަހުން ހިނގި ދެ ހާދިސާއާއި ގުޅިގެން އެތަނުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް އެމްޕީއެލްއިން ވަނީ ކޮމިޓީއަށް އަންގާފައެވެ. ކޮމިޓިގެ ރިޕޯޓްގައި ވަނީ ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް، އަދި އެމްޕީއެލްއިން ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކޮށް ރައްކާތެރިކަމުގެ ގޮތުން އަލާންޖެހޭ އެންމެހާ ސަލާމަތީކަންކަން އެޅުމަށް އެމްޕީއެލްއަށް އެންގުމަށްވެސް ހިމަނާފައެވެ.
ފަހަކަށް އައިސް އެމްޕީއެލްގައި ހިތާމަވެރި ހާދިސާތައް ހިނގައި އެކި މީހުންނަށް ބޮޑެތި އަނިޔާތައްވެ، ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެސްވެއެވެ.
ކޮމެންޓު ފޮނުވާ