އަސްކަރިއްޔާއަށް އިތުބާރު އެބައޮތް، އިތުބާރު ނެތީ ޣައްދާރުންނަށް: އަދުރޭ

އަސްކަރިއްޔާއަށް އިތުބާރު އެބައޮތް، އިތުބާރު ނެތީ ޣައްދާރުންނަށް: އަދުރޭ

Author
ޢަލީ އާދަމް
23 މާރޗް 2021 01:39
0

ދިވެހި އަސްކަރިއްޔާއަކީ އަބަދުވެސް ރައްޔިތުންގެ އިތުބާރާ އިޙްތިރާމާ ލޯބި ލިބިފައިވާ މުއައްސަސާއެއް ކަމަށާއި، ރައްޔިތުންގެ އިތުބާރާ އިޙްތިރާމް ނެތީ ގައުމުގެ ޣައްދާރުންނަށް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ މަޖިލީހުގެ މެމްބަރުކަމުގައި ހުންނެވި އިރު ގާނޫނު އަސާސީގެ މަތީގައި ފައި އަޅުއްވައިގެން މަޖިލީހުގެ މޭޒުކޮޅަށް އަރާވަޑައިގެން ހުންނެވި ފޮޓޯއާއެކު އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުން ދޭ އިތުބާރާ އިޙްތިރާމާ ލޯބި މިހާރުވެސް ހަމަ އެގޮތުގައި އެބައޮތް ކަމަށެވެ.

އަދި ރައްޔިތުންގެ އިތުބާރާ އިޙްތިރާމް ނެތިގެން އުޅެނީ ގައުމުގެ ޣައްދާރުންނަށް ކަމަށާއި ގާނޫނުއަސާސީއާ ގާނޫންތަކާ ޚިލާފަށް ކަންކުރާ ފަރާތްތަކަށް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ ވަރަށް ދަށުދަރަޖައިގެ ފިޑި އަމަލެއް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓަރ މާރިޔާ މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން ދެކެވޭ އެކި ވާހަކަތަކާއި، ސިފައިންގެ އިސް އޮފިސަރުންނަށް އަމާޒުކޮށް ކުރެވޭ އެކި ތުހުމަތުތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އިސްވެރިންގެ އަގުވައްޓާލައި، ހަގީގަތާއި ޚިލާފް ދޮގުވާހަކަތައް ފެތުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

ދިފާއީާ ބާރާގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެސް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އަމާޒުކޮށް، ހަޤީޤަތާ ޚިލާފް ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ ހުތުރު އިލްޒާމް އަޅުވާ، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިޙްތިރާމާއި ޤަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުޞަތު ނުދޭނެ ކަމުގައި ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.