އެސްޓީއޯގެ އޮޑިޓް ރިޕޯޓްުން ނުފެނުނު އެތައް ކަމެއް އަދި ފެންނާނެކަމަށާއި، އެތަނުގެ އެތެރެ ވަރަށް ރަނގަޅަށް އަދި ބަލާނެކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާ ގުޅިގެން ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން، އެސްޓީއޯ އިން ޚަރަދުކޮށްފައިވަނީ އެކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީތަކާއި ގައިޑުލައިންތަކާ އެއްގޮތަށް ކަމަށް އެސްޓީއޯގެ ޚަރަދުތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ބުނެފައިވުމުން އެކަމަށް އިޝާރާތްކުރައްވާ ޝުޖާޢު ވިދާޅުވީ، އޮޑިޓް ރިޕޯޓުން މިހާރު ނުފެންނަ އެތައް ކަމެއް އަދި ފެންނާނެކަމަށާއި، އެކަން އަދި ބަލާނެކަމަށެވެ.
ނޫން ނޫން. އަދި ތިކަން ރަނގަަޅަށް ބެލުން އެބައޮތް. މިހާރު ނުފެންނަ އެތައް ކަމެއް ފެންނާނެކަން ޔަޤީން. އެސްޓީއޯ އެތެރެ ވަރަށް ރަނގަޅަށް ބާލަނަން. އިންޝާﷲ.
– ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢ
އެސްޓީއޯއިން ކޯވިޑަށް ކުރި ޚަރަދާއި ގުޅޭގޮތުން ނެރުނު އޮޑިޓް ރިޕޯޓްގައި ވަނީ ކަންކަމުގެ ތެރޭގައި ކޯވިޑް-19އާ ގުޅިގެން އެމަރޖެންސީ ސްޓޮކެއް ގާއިމުކުރުމަށް އެސްޓީއޯއާއި މިނިސްޓްރީ އޮފް ފިނޭންސްއާ ދެމެދު ވެވުނު އެމްއޯޔޫގެ ދަށުން 2 މަސް ދުވަހަށް ބޭނުންވާ ސްޓޮކް ޤާއިމުކުރުމަށް 84.06 މިލިޔަން ރުފިޔާ އެސްޓީއޯއަށް ދޫކޮށްފައިވުމާއި އެމަރޖެންސީ ސްޓޮކްގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެތި ގެނައުމަށް ދޫކުރި ފައިސާއިން 33.06 މިލިޔަން ރުފިޔާ ކާޑުގެ ބާވަތްތައް ގެނައުމަށް ޚަރަދުކޮށްފައިވާކަމަށެވެ. އަދި ކޯވިޑް-19އާ ގުޅިގެން ނެޝަނަލް ހެލްތު ރިކުއަރމަންޓް ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް ހޯދުމަށް 16 އޭޕްރީލް 2020 ގައި އެސްޓީއޯ އާއި މިނިސްޓްރީ އޮފް ފިނޭންސާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ދެމެދު ވެވުނު އެއްބަސްވުމާއެއްގޮތަށް މުދާ ހޯދައި ފޯރުކޮށްދިނުމުގައި މައިގަނޑުގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓް ޕޮލިސީތަކާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީ ކުރެވުނު މެޑިކަލް ފެސިލިޓީތަކަށާއި ބިދޭސީން ބޭތިއްބުމަށް ތައްޔާރުކުރެވުނު ފެސިލިޓީތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އޯޑަރ ކުރުމުން، އެ ތަކެތި ހޯދައި އެތަންތަނަށް ފޯރުކޮށްދިނުމުގައި މައިގަނޑުގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓް ޕޮލިސީތަކާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ