ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.
ޝިޔާމް ވިދާޅުވީ އޭނާ ޕޮޒިޓިވް ވީތާ މިހާރު ހަތް ވަރަކަށް ދުވަސް ވެއްޖެ ކަމަށާއި ކޯވިޑް ޖެހިފައިވާކަން އެނގިވަޑައިގެންނެވީ ރިސޯޓަކަށް އައި ރަހުމަތްތެރިޔަކާ ބައްދަލު ކޮށްލައްވަން ވަޑައިގަތުމަށް ހެއްދެވި ކޯވިޑް ޓެސްޓެއްގެ ނަތީޖާއިން ކަމަށެވެ.
މިވަގުތު އޭނާ ހުންނެވީ ގޭގައި އަމިއްލައަށް އެކަހެރިވެ ވެވަޑައިގަންނަވައިގެން ނެވެ. ޓެސްޓް ހެއްދެވި އިރުވެސް އަދި މިހާރުވެސް ކޯވިޑްގެ އެއްވެސް އަލާމާތެއް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމަކީ މަޖިލީސް މެމްބަރުންގެ ތެރެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި 2 ވަނަ މެމްބަރެވެ. މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ މިމަހު ކުރީކޮޅު ކޯވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ހޯއްދަވާފައެވެ.
ކޮމެންޓު ފޮނުވާ