އަނަސްގެ މަރުގެ މައްސަލާގައި އާއިލާއިން ސީޕީއާއި ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފި

އަނަސްގެ މަރުގެ މައްސަލާގައި އާއިލާއިން ސީޕީއާއި ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފި

Author
މުޙައްމަދު ޖިމީ
20 މާރޗް 2021 09:36
0

އަނިޔާވެރިގޮތަކަށް 2017ވަނަ އަހަރުގެތޭގައި މަރާލާފައިވާ މުޙައްމަދު އަނަސްގެ މައްސަލައާ ގުޅިގެން އޭނާގެ އާއިލާއާއި، ރަހުމަތްތެރިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ބައްދަލުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއާއި އަނަސްގެ އާއިލާއާއި، ރަހުމަތްތެރިން ބައްދަލުކޮށްފައިވަނީ ސީޕީ ހަމީދު މިއަދު މީދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ކޮމިޝަނަރ ހަމީދުއާއި ބައްދަލުކޮށް އަނަސްގެ އާއިލާގެ ފަރާތުން ވާހަކަދެއްކި އަނަސްގެ ބޭބެވަނީ އާއިލާގެ ހުރި އެކި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އަދި ޝަރީޢަތްތައް ކުރިއަށްދާ ދުވެއްޔާއި މެދު ހުރި ކަންބޮޑުވުންތައްވެސް އާއިލާއިން ވަނީ ހިއްސާކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދު ވަނީ، އަނަސްގެ މަރުގެ މައްސަލައިގެ ތަހުޤީޤުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ، ފުލުހުން އެކި ގޮތްގޮތުން މި މައްސަލަ ބަލާފައިވާނެކަމަށް ވިދާޅުވެފައެވެ. އަދި މަރުތަކާއި ބެހޭ ކޮމިޝަނަށް އެ މައްސަލައިގައި ފުލުހުން ދޭން ޖެހޭ އެއްބާރުލުން ދެމުންގެންދާކަމަށެްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

އަނަސްގެ މަރާލާފައިވަނީ 2017ވަނަ އަހަރުގެ ޖުލައިމަހުގެ 31ވަނަ ދުވަހުގެ ރޭ ސައިކަލުތަކެއްގައި އައިބަޔަކަށް ފިލަން އޭނާ ދުވެފައިގޮސް ހެންވޭރު ލިޓަސް ގަރާޖަށް ވަނުމުން ބިންމައްޗަށް ވައްޓާލުމަށްފަހުގައެވެ. އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ޙަމަލާދީފައިވާއިރު އަނަސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ޅ.ކުރެންދޫ އަސުރުމާގެ އަޙްމަދު ޒަޔާނާއި މ.ދިމިޝްގު އުސްމާން ޝަރީފާއި ސ.ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ލ.ގަން ތުނޑި ރަންނާރި ޖުނައިހު ޢަބްދުﷲއާއި ދަފްތަރު ނަމްބަރު 1746 ސިމާހްގެ މުސާ އާއި މ.ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާނާއި، ތ.ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. މީގެއިތުރުން ދަޢުވާއަށް ފޮނުވި އިރު އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުލަތުންވަނީ ދަޢުވާކޮށްފައެވެ.

މިމަރާއި ގުޅިގެން ގިނަބަޔަކު އަނަސްއަށް އިންސާފު ހޯދުމަށް ސަރުކާރުގައި އެދިފައިވާއިރު ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވާލައްވާފައިވާ ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން އަންނަނީ މިމައްސަލަ ބައްލަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.