މަލީހު، ނަޝީދަށް: ދެމުސާރަ ތަކުރަށް ދެން ފޮރުވައިގެން ނުހުރެވޭނެ!

މަލީހު، ނަޝީދަށް: ދެމުސާރަ ތަކުރަށް ދެން ފޮރުވައިގެން ނުހުރެވޭނެ!

Author
މުޙައްމަދު ޖިމީ
20 މާރޗް 2021 07:43
0

ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ 5 އަހަރުކަމަށާއި، 2.5 އަހަރު ރައީސްކަން ކޮއްފަ ދައުރެއްގެ ފައިސާ ނެގުމަކީ ރައްޔިތުންނަށް ޣައްދާރުވުންކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް، ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙު ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

މަލީހު ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްްގައި ވަނީ، "ދެ މުސާރަ ތަކުރު" ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެކަމަށް ވިދާޅުވެފައެވެ. މަލީހު އެ އިޝާރާތްކުރެއްވި ދެ މުސާރައަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ މަޖިލީހުގެ ރައީސްކަމުގެ މުސާރައާއި، ކުރީގެ ރައީސުންނަށްދޭ އިނާޔަތުގެ ފައިސާއެވެ.

މަލީހު ވިދާޅުވީ، މަޖިލިސް މެންބަރު/ރައީސް އަދި ކުރީގެ ރައީސްގެ ޙައިސިއްޔަތުން ނަގާ މުސާރަ އަދި އިނާޔަތުގެ މައްސަލަ، މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން މާދަމާ މަޖިލީހަށް އެ މައްސަލަ ހުށައަޅުއްވާނެކަމަށެވެ. ކޮންމެވެސް އެކައްޗެއް ރައްޔިތުންގެ ޙައްޤުގަ ދޫކޮށްލުމުގެ ގަޓު ހުންނާނެތޯ މަލީހު ވަނީ ސުވާލުކުރައްވާފައެވެ.

ދައުރަކީ 5 އަހަރު. 2.5 އަހަރު ރައީސްކަން ކޮއްފަ ދައުރެއްގެ ފައިސާ ނެގުމަކީ ރައްޔިތުންނަށް ގައްދާރުވުން. ރައީސުލް ޖުމްހޫރިއްޔާއަށް މަހަކު ލިބިލައްވަނީ 100000 ރުފިޔާ. ރ.ނަޝީދު މިހާރުވެސް އޭގެ ޑަބަލްއަށް ވުރެ ގިނައިން ނަނގަވާ. އަންދާ ޤާނޫނު.

– މުޙައްމަދު މަލީޙު ޖަމާލް

މަލީހު ވިދާޅުވީ ރައީސް ނަޝީދު މަހަކު ރައްޔިތުންގެ އަތުން265،000 ވުރެ ގިނަ ރުފިޔާ ނަންގަވާއިރު، އެއީ މަހަކު17 މީހުން ފަގީރުކަމުން މިންޖުވާހާ ފައިސާކަމަށެވެ.

ފެންނާން ހުރި މަދު ރޯ މަޢުލޫމާތުތަކަށް ބަލާއިރު ރައްޔިތުންގެ އަތުން މަހަކު 265419.70 ރުފިޔާ ނަންގަވާ. މީގެ ތަފްސީލް ބްރޭކް ޑައުން ހޯދާ އަދި ހާމަ ނުކޮށް ހުރިކަންކަން ފަޅާ އަރުވާނަން. މީ މަހަކު 17 މީހުން ފަގީރުކަމުން މިންޖުވާހާ ފައިސާ.

– މުޙައްމަދު މަލީޙު ޖަމާލް

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައި ބުނެފައިވަނީ، ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށްވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ. މީގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތެއް ކުރައްވަން އެ ބޭފުޅަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި އޮފީހާއި މުވައްޒަފުންގެ ހަރަދާއި އެހެނިހެން ކަންކަމަށް 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ.

ރައީސް ނަޝީދަށް މަޖިލީހުގެ ރައީސްގެ މުސާރައާއި، ކުރީގެ ރައީސުންގެ އިނާޔަތް ގާނޫނުން ލިބެން އޮތް ނަމަވެސް އެމަނިކުފާނު ކުރީގެ ރައީސުންގެ އިނާޔަތް މިހާރުވެސް ނުނަންގަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނައިރަރު މާބޭބެ
މަލީހު ތިންސަރުކާރުގެ މިނިސްޓަރުކަން ކުރިއެއްކަމަކު ވަރަށް ނާ ތަހުޒީބު މީހެއްގެ ގޮތުގައި މިފެންނަނީ.މަގާމު ގެއްލުމުން ގޮތްހުސްވެގެން ހިކިފަސްތާ ބަޑިތަޅާމަންޒަރު އެބަފެނޭ.ރައީސް ނަޝީދު ރައްޔިތުންމަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމާއެކު އިއުލާނުކުރެއްވި ކުރީގެ ރައީސުންނަށްދޭ ފައިސާގެ އިނާޔަތް އެމަނިކުފާނު ނުނަންގަވާނެކަމަށް.އަދިވެސް އެކަންއޮތީ އެހެންކަމަށް ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭންއެބަހުރި.