ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ މި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ.
ބަންގްލަދޭޝް ސަރުކާރުން މިކަން އިޢުލާނު ކުރައްވާފައިވަނީ މިއަދު ބަންގްލަދޭޝްގެ ޑާކާގައި، އެޤައުމުގެ ބޮޑުވަޒީރުގެ އޮފީހުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކުރިޔަށްގެންދިޔަ ރަސްމީ ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ ބައްދަލުކުރައްވާ، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަކޮށް އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވާފައިވެއެވެ.
President of the #Maldives @ibusolih and Prime Minister of #Bangladesh, Sheikh Hasina holds One-to-one call pic.twitter.com/8TE2NwT3Vg
— The President's Office (@presidencymv) March 18, 2021
މިބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވަނީ ދެޤައުމު ދޭތެރޭ ބީމާ އެއަރލައިންގެ ފްލައިޓްތަކުގެ ދަތުރުތައް ފައްޓަވާކަން އިޢުލާނުކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ދެޤައުމުގެ މެދުގައި ވައިގެ މަގުން ކުރާ ދަތުރުފަތުރަށް އިތުރު ދޮރެއް ހުޅުވި، ވައިގެ މަގުން ދެޤައުމު ގުޅުވައިދިނުމަށް އެހީތެރިވާނެ ކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ މަގުން އިތުރު ދަތުރުތައް ބޭއްވުމަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް ހައްލުހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރު ޤައުމުތަކުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކޮށްދެއްވުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
President of the #Maldives @ibusolih and Prime Minister of #Bangladesh Sheikh Hasina holds bilateral talks pic.twitter.com/x9TbzFhhYI
— The President's Office (@presidencymv) March 18, 2021
ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއެކު މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދޭދޭ ފަރުދުންގެ މެދުގައި އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތައް އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ މެދުގައިވާ ގުޅުންތައް ބަދަހިވެ، އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދެޤައުމުގެ ލީޑަރުން ވަނީ މިއަދު ދެ ޤައުމުގެ ދެމެދު ސޮއިކުރެވޭ އެއްބަސްވުންތައް މުރާޖާކުރައްވާފައެވެ. މިއަދު ސޮއިކުރެވޭ ބައެއް އެއްބަސްވުންތަކުގެ ތެރޭގައި، ވިޔަފާރި، ޞިއްޙަތު، މަތީ ތަޢުލީމް، މީހުން ބިނާކުރުން، ސަޤާފަތް، ސަރަޙައްދީ ހިންގުން، މަސްވެރިކަން، ދަނޑުވެރިކަން، ފަތުރުވެރިކަން އަދި ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ދެޤައުމުގެ ލީޑަރުން ވަނީ ދާއިރާތަކުން ގުޅުންބަދަހި ކުރުމަށް ހަތަރު އެއްބަސްވުމަކަށް މަގުފަހިކުރެވުނީތީ އެކަމަށްޓަކައި އުފާފުޅުކުރައްވާކަން ހާމަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުގެ މަޞްލަޙަތު ހިމެނޭ މޫސުމީ ބަދަލުތަކާއި ސަރަޙައްދީ ސަލާމަތް ފަދަ ބޮޑެތި މައްސަލަތަކުގައި އެކުގައި މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.
ކޮމެންޓު ފޮނުވާ