އެންމެ ފަހު ވަގުތުވެސް ގޯހެއް ހަދާފާނެ ކަމަށް މިތިބީ ތައްޔާރަށް: ޝުޖާއު

އެންމެ ފަހު ވަގުތުވެސް ގޯހެއް ހަދާފާނެ ކަމަށް މިތިބީ ތައްޔާރަށް: ޝުޖާއު

Author
ޢަލީ އާދަމް
18 މާރޗް 2021 10:47
0

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ފަހު ވަގުތު ވެސް ގޯހެއް ހަދާފާނެކަމަށް ތައްޔާރަށް ތިބިކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ވޯޓުގެ ސައްޚަކަން ގެއްލޭ ފަދަ ގޮތަކަށް 8،000 މީހުން ރީ-ރަޖިސްޓްރީކޮށްފައި ވާތީ، އެމީހުނަށް އަލުން ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިހަފްތާގައި ހުޅުވާލާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވުމާއި ގުޅިގެންނެވެ.

ޝުޖާއު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ސްޓޭމްޕް ޖަހައި ހުށަހަޅާފައިވާ ފޯމަކާއި ގުޅޭގޮތުން މިފަދަ ނިންމުމެއް ނިންމާނަމަ އެޕާޓީއަކަށް ލިއުމުން ނަންތައް އަންގަން ޖެހޭނެ ކަމަށެވެ. އަދި އިދިކޮޅުގެ ސިސްޓަމް ވަރުގަދަ ވާނޭ ކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުވައިގެން އެންމެ ފަހު ވަގުތުވެސް މިފަދަ ކަމެއް ކޮށްފާނެ ކަމަށް ތައްޔާރަށް ތިބި ކަމަށެވެ.

ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓްލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 26،750 ފޯމް ހުށައަޅާފައިވާކަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273،128 އެވެ.

މި އިންތިޚާބުގައި ޖުމްލަ 3،934 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2،264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1،670 ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.