ސިޔާސީ ކޯޅުންތަކާއި ކުރިމަތިލާން ޖެހޭނީ ސިފައިން ނޫންކަމަށައި ކޮމާންޑާ އިން ޗީފާއި މިނިސްޓަރ ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް ވިދާޅުވީ އުތުރު ތިލަފަޅުގެ އެގްރީމެންޓުގެ މައްސަލާގައި އުފެދިފައިވާ ސިޔާސީ އަލިފާން ނިއްވާލަން ސަރުކާރުން ނެރެފައިވަނީ ސިފައިންކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ކޯޅުންތަކާއި ކުރިމަތިލާން ވާނީ ތަނުގެ ސިވިލިއަނުން ކަމަށާއި ގައުމީ ދިފާއީބާރު ސިޔާސީ ކުރައްވަން ނޫޅުއްވުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.
UTF agreement ge massalaigai ufedhifaivaa "siyaasee alifaan" nivvaalan sarukaarun nerunee sifain. Siyaasee koalhunthakaa kurimathilaanvaanee e thanthanuge civilians, Commander in Chief aai Minister, Fakhuruveri sifainneh noon. MNDF siyaasee nukuravvaa!https://t.co/90BHmykHOm
— Adam Shareef Umar (@Adamshareefz) March 17, 2021
އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ބައެއް މީޑިއާތަކުން ހާމަކުރަމުންދާ ޚަބަރުތަކާ ގުޅިގެން ދިވެހި އަސްކަރިއްޔާގެ އެންމެ އިސްވެރިން ބައިވެރިވެގެން އިއްޔެވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމަކީ ރާއްޖެއަށް އެތައް ގޮތަކުން ފައިދާ ކުރާނެ އެއްބަސްވުމެއް ކަމަށާ، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ގެއްލުންހުރި ކަމަކަށް ދިވެހި އަސްކަރިއްޔާއިން ދުވަހަކުވެސް ޖާގަ ނުދޭނެކަމަށެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ނެތްކަމަށާއި ލީކުވެފައިވާ އެއްބަސްވުންކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް، އަސްލެއްނެތް ވާހަކަތަކެއްކަމަށްވެސް ޖެނަރަލް ޝަމާލް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ، އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކަމުންދާ ހަގީގަތާ ޚިލާފުދު ވާހަތަކާ ގުޅިގެން އެމްއެންޑީއެފްގެ ޖެނެރަލުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިގޭޑިއާޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުން އެބޭފުޅާ ވިދާޅުވެލެއްވިކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާނެފަދަ މާއްދާތަކެއް އެ އެގްރީމެންޓުގައި ނެތްކަމަށެވެ.
ޒަކަރިއްޔާ މަންސޫރު ވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރި އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއިކުރީ ސިފައިންގެ ލަފާދޭ މަޖިލީހުގެ ބަހެއްނެތިކަމަށް ފަތުރަމުންދާ ވާހަކަތައްވެސް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ލަފާދޭ މަޖިލީހުގެ ގިނަ ބައްދަލަވުންތަކެއް ބާއްވައި މުހިންމު މަޝްވަރާއާއި ޚިޔާލުތައް ހުށައަޅާފައިވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ