ފީފާ ވޯލްޑް ކަޕްގައި މިރޭ ދަންވަރު އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުގެ ފޯރީގައި، އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެ އަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ރާއްޖެ ގަޑިން މެންދަމު 12:00 ގައި ފަށާ މި މެޗު ބެލުމަށް ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ވަނީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ބައެއް ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ދަންވަރުގެ ވަގުތަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތަކަށް ވުމުން، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކޮށް ލަވަޖެހުމާއި، ބާރަށް ހަޅޭއްލަވައި އުފާފާޅުކުރުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުމުން ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ބޮޑެތި ސްކްރީންތަކުން މެޗު ބެލުމުގައި، މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިވާ ގޮތަށް ސައިކަލުތައް ޕާކުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވެ ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށްވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށާއި މަގު ބޭނުންކުރާ އެހެން މީހުންނަށް އުނދަގޫތަކާ ކުރިމަތިވެދާނެ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، މެޗުގެ ފޯރީގައި ބައިވެރިވާއިރު ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަވަށްޓެރިންގެ ހައްގުތަކަށް އިސްކަން ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ