ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ތިލަދުއްމަތީ ދެކުނުބުރީ ކުޅުދުއްފުށްޓާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ޢިމާރާތްކުރާ ޓާޝިއަރީ ހޮސްޕިޓަލް އަޅާދޭނެ ރާތެއް ހޯދަން ކުރި އިޢުލާންގެ މުއްދަތު އިތުރުކޮށްފި އެވެ.
މިއީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހޮސްޕިޓަލްތައް އަޅާން އިޢުލާންކުރި ތިންވަނަ ފަހަރެވެ. ތިންވަނަ ފަހަރަށް މުއްދަތު އިތުރުކޮށްފައިވަނީ ވިހާވެސް ގިނަބަޔަކަށް ފުރުޞަތު ދިނުމަށްކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަލަށް ތަރައްޤީކުރާ މިދެހޮސްޕިޓަލު އިމާރާތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދިހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ މަސައްކަތްތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ޓީ، އުސޫލުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ އެވެ. ކުޅުއްދުއްފުށްޓާއި، ތިނަދޫގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ މަޝްރޫޢުއަކަށް 2.3 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރަށް ފަސް ހޮސްޕިޓަލް ތަރައްޤީކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. ރާއްޖޭގެ 5 ސަރަހައްދުގައި ތަރައްޤީކުރާ ޓާޝިއަރީ ހޮސްޕިޓަލުތައް މިއަހަރު ނިންމުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ހެލްތު މިނިސްޓަރ ވަނީ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.
ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ 5 ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ސަރަހައްދުތަކަށް ބޭނުންވާ ވަސީލަތްތަކާއި މެޝިނަރީތަކުގެ 90 އިންސައްތަ ހަމަކުރެވިފައިވާކަމަށާއި، އެތަންތަނަށް ބޭނުންވާ މުވައްޒަފުންގެ ގިނަ ބަޔަކު ހަމަކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ޓާޝިއަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާ 5 ހޮސްޕިޓަލަކީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލެވެ.
ކޮމެންޓު ފޮނުވާ