އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ އަންނަ މަހު 10 ވަނަ ދުވަހު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިސަރުކާރު ވެރިކަމަށް އައިފަހުން ރާއްޖެއާއި އިންޑިޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކި ކަންކަމުގައި ދެޤައުމުގެ ދެމެދުގައި މުހިންމު ކަންކަން ކުރުމަށް ދަނީ އެއްބަސްވެފައެވެ. އިންޑިޔާގެ ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުން މިއީ ޖެނުއަރީ މަހުގެ މަޤާމާއި ހަވާލުވިފަހުން ހަރްޝް ޝްރިންގްލާ ޤައުމުން ބޭރަށް ކުރައްވާ ރަސްމީ ތިންވަނަ ދަތުރުފުޅެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާގެ ދަތުރުފުޅާއި ގުޅޭގޮތުން މިހާތަނަށް ދެޤައުމުގެ ރަސްމީ އިދާރާއަކުން މިކަން އަދި ކަށަވަރުކޮށްދީފައި ނުވެއެވެ. އަދި މިދަތުރުފުޅަކީ ކޮން ބޭނުމެއްގައި ކޮންކަމާއި ގުޅިގެން ކުރައްވާ ދަތުރުފުޅެއްކަންވެސް ހާމަކޮށްފައިނުވެއެ އެވެ.
އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ދަތުރެއް ކުރައްވާއިރު، ރާއްޖޭގެ އެތެރޭގައި އިންޑިޔާއާއިއެކު މިސަރުކާރުން ވަމުންދާ އެއްބަސްވުންތަކުގައި އަޑިނޭގޭ ކަންތައްތަކެއް ހުރިކަމަށްބުނެ ގިނަބަޔަކުދަނީ ސޯޝަލްމީޑިޔާގައި ޝުއޫރު ފާޅުކުރަމުންނެވެ. ޚާއްސަކޮށް އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ރަށްތަކުގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ވިދާޅުވެ ގިނަބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އަދި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ސަބަބައި އަދަދު ހާމަކުރަން އިދިކޮޅު ފަރާތްތަކާއި އާންމު ރައްޔިތުން ގޮވާލަމުންދިޔަ ނަމަވެސް ޤައުމީ ދިފާއީ ބާރުން ބުނެފައިވަނީ އެމައުލޫމާތު ހާމަކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
މިސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން އިންޑީޔާގެ މަތީ ފަންތީގެ ގިނަ ބޭފުޅުން ދަނީ ރާއްޖެއަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން އިންޑީޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ މިދިޔަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ