ކޮންމެ އަހަރެއްގެވެސް އޮގަސްޓުގައި ދިރާސީ އާއަހަރު ފަށަން ނިންމައިފި

ކޮންމެ އަހަރެއްގެވެސް އޮގަސްޓުގައި ދިރާސީ އާއަހަރު ފަށަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2021 10:17
0

ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓަށް ބަދަލުކޮށްފިއެވެ.

މީގެ ކުރިން ދިރާސީ ކޮންމެ އަހަރެއްގެ ކިޔެވުން ފަށަމުން އައީ ޖެނުއަރީގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މިބަދަލާއިއެކު ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އަދި މިބަދަލު ގަނައުމަށް ނިންމާފައިވަނީ ކަމާއިބެހޭ އެންމެހާ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހުގައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިބަދަލާއިއެކު ދެން އޯލެވެލް އަދި އޭލެވެލް އިމްތިހާނު ދެން އޮންނާނީ ކޮންމެ އަހަރެއްގެވެސް މޭޖޫން ގައިކަމަށެވެ. މީގެ ކުރިން އަހަރުގެ ފަހުކޮޅުގައި ބާއްވަމުންދިޔަ އިމްތިހާނަށް މިބަދަލު ގެނެވިފައިވަނީ ދިރާސީ އަހަރުގެ ކިޔެވުންފެށުމަށް ނިންމާފައިވާ ނިންމާއި އެއްގޮތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ކޮންމެ ނިންމުމެއް ނިންމަވާއިރުވެސް އެންމެ ބޮޑަށް ބަލަނީ ދަރިވަރުންނަށް އެކަމުން ކުރާނެ އަސަރަށް ކަމަށެވެ. ދަރިވަރުންނަށް ގެއްލުންވާނެ ގޮތަކަށް އެއްވެސް ނިންމުމެއް ނުނިންމަވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެއެވެ. އަދި މިނިންމުމާއިއެކު ދަރުވަރުންނަށް ރާއްޖެއިން ބޭރުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށާއި، އާއިލާއާއިއެކު ޗުއްޓީ ހޭދަކޮށްލުމަށްވެސް ރަނގަޅު ވަގުތަކެއް ލިބިގެންދާނެކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާން ވިދާޅުވީ މި ބަދަލާއެކު އޭލެވެލް ހަދާ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާއިން ގެއްލިގެން ދާނެކަމަށް ބައެއް ފަރާތްތަކުން ބުނާ މުއްދަތު ގެއްލިގެން ނުދާނެކަމަށެވެ. އަދި މިބަދަލާއެކު މިހާރުވެސް އޭލެވެލް މެއި ޖޫންގައި އޮންނާނެކަމަށެވެ.

އިހްސާން ވިދާޅުވީ ގްރޭޑް 10ގެ ދަރިވަރުންގެ ފަހު އިމްތިހާން އޮކްޓޫބަރު ނޮވެމްބަރުގައި ނިމުނު ނަމަވެސް އޭލެވެލް އިމްތިހާން ޖޫންމަހު ފެށޭތީ އޯލެވެލް ނިންމާ ދަރިވަރުން 6 ދުވަހަށް މަޑުކުރަންޖެހޭގޮތަށް އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށެވެ. އާއްމުގޮތެއްގައި ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ ޖެނުއަރީ މަހުއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ތާރީޚަށް ބަދަލުގެނައުމަށްޓަކައި އާންމުންގެ ޚިޔާލަށްވެސް އެދިފައެވެ.

ދިރާސީ އަހަރުގެ ކިޔެވުމަށް ބަދަލު ގެނެވިފައިވަނީ މިބަދަލާއިއެކު ނިކުންނާނެ ނަތީޖާއަށް ބަލައި، ދިރާސާ ހެދުމަށްފަހު ސޯޝަލް ކައުންސިލަށް ހުށަހަޅައި ކައުންސިލުގެވެސް ރުހުމާއި އެކުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިބަދަލު ގެނެވުފައިވަނީ ޚާއްސަ ސާވޭއެއްވެސް ހަދައި، ދަރިވަރުންނާއި، ބެލެނެވެރިންނާއި، މުދައްރިސުންނާއި، ކަމާއި ގުޅުންހުރި ހުރިހާ އިދާރައަކާއި، މުއައްސަސާއަކާއި މަޝްވަރާ ކުރެވި އެ ހުރިހާ ފަރާތްތަކެއްގެ މަޝްވަރާގެ މަތީންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.