ސިނަމާލެ ބްރިޖާއި ގުޅޭގޮތުން އެއްވެސް ހަގީގަތެއްނެތް ދޮގުވާހަތައް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ދައްކަމުންދަނި ވަކި މަޤްސަދެއް ހާސިލް ކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖާއި ގުޅޭގިތުން ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒުގެ އިސްތަށި ފުޅުގައި އަޅުވަމުންދާ ތަފާތު ދޮގު ވާހަކަ ތަކާއި ގުޅިގެން އުޝާމް ވިދާޅުވީ ބްރިޖުގައި އެއްވެސް މަކަރެއް ހަދާފައިވާނަމަ މިސަރުކާރަށް ނުބެލެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ބްރިޖުގެ ލޭނުތަކެއް މަދުވެ ނުވަތަ ބްރިޖުގެ އެއްބަސްވުމާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ ވެރިކަމާއި ހަވާލުވެ މިވީ ދުވަސްތަކުގައި އެކަން ރައްޔިތުންނަށް ސާފު ނުކޮށްދެވެންވީ ސަބަބެއް ނެތްކަމަށް އުޝާމް ވިދާޅުވިއެވެ.
ޑރ.މުއިއްޒަކީ ބްރިޖުގެ މަޝްރޫޢުގެ މަސައްކަތް ހަވާލު ކުރެވުނު ވަޒީރެވެ. ކައުންސިލް އިންތިޚާބާއި ދިމާކޮށް މުއިއްޒުއަށް އަނެއްކާވެސް ބްރިޖާއި ގުޅޭގޮތުން ކުރެވޭ ތުހުމަތުތައް ދަނީ އިތުރު ވަމުންނެވެ. މެމްބަރު އުޝާމް ވިދާޅުވީ މިފަދަ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއްކަމަށާއި، މިވާހަތަކަކީ ވަކި ބަޔަކު ރުއްސައިގެން ވޯޓުހޯދުމަށް ދައްކަމުންދާ ވާހަތަކެއްކަމަށް އުޝާމް ވިދާޅުވިއެވެ.
ހަތަރު ލޭނު ގެއްލުވާލައިގެން ލާރި ކާލި ކަމަށް ދައްކާ ވާހަކައަކީ އެމްޑީޕީން ދައްކާ ވާހަކައެއް. ވެރިކަން ލިބިއްޖެ. މަޖިލިސް ލިބިއްޖެ. އަދިވެސް 4 ލޭނު ކާލި ކަމަށް ބުނާ މައްސަލަ ނުބެލިގެން އުޅެނީ ކީއްވެބާ؟ އެއީ އެކަމުގައި އެއްވެސް ހަގީގަތެއް ނެތީމަ. އެއީ ވޯޓު ހޯދަން ދެއްކި ދޮގުވާހަކައަކަށް ވީމަ.
– އުޝާމް ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖް ތަރައްޤީކޮށްފައިވަނީ 4 ލޭނަށް ދެކޮޅަށް ދުއްވޭގޮތަށެވެ. ކޮންމެ ކޮޅަކަށް ދުއްވަން ދެ ލޭން ހާއްސަ ކޮށްފައިވާއިރު ކޮންމެ ކޮޅަކުންވެސް އެއް ލޭން ޚާއްސަ ވާނީ ބަހަށް ނުވަތަ ޕަބްލިކް ޓްރާންސްޕޯޓަށާއި ސައިކަލްތަކަށެވެ. އަނެއް ލޭން ޚާއްސަ ކޮށްފައި ވަނީ ކާރަށާއި އެހެނިހެން ވެހިކަލްތަކަށެވެ.
ކޮމެންޓު ފޮނުވާ