އިދިކޮޅު ކޯލިޝަނުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބުކޮށް، ދަތުރު ނިންމާލާނީ ރައީސް ޔާމީން އަލުން އަބުރާ ވެރިކަމަށް ގެނައުމަށް ފަހުގައި ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ދެ ވަނަ ފަހަރަށް ފެށުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ކައުންސިލް އިންތިޚާބު ޕީޕީއެމް/ޕީއެންސީ އަށް ކާމިޔާބު ކުރުމަކީ ރައީސް ޔާމީން ޖަލުން މިނިވަންކޮށް، ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ގެނައުމަށް ކުރެވޭ މަސައްކަތުގެ ފެށުންކަމަށެވެ. އެމަނިކުފާނަކީ ރާއްޖޭގެ ތަރީހުގައިވެސް ރައްޔިތުންނަށް ހެޔޮ އެދިގެން ރައްޔިތުން ބޭނުންވި ކަންކަން ހާސިލްކޮށް ނަތީޖާ ނެރެދެއްވި ހަމައެކަނި ރައީސްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުން އެއީ އަޅުގަނޑުމެން ރައީސް ޔާމީން މިރާއްޖޭގެ ވެރިކަމަށް 2023 ވަނަ އަހަރު ގެންނަން ކުރާ ދަތުރުގެ ފުރަތަމަ މަންޒިލް. މިކަން ހާސިލް ކުރެވިއްޖިއްޔާ 2023 ވަނަ އަހަރު އަޅުގަނޑުމެން ރައީށް ޔާމީން ވެރިކަމަށް ގެންނާނަން.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
ސިޔާސީ ގޮތުން މިވަގުތު ރާއްޖޭގައި ތިއްބެހި ލީޑަރުންނަށް ބަލާއިރު ރައްޔިތުންނަށް ޚިދުމަތްކޮށް، ރައްޔިތުންގެ ފުރިހަމަ ތާއީދާއި ލޯބި ހޯއްދެވި ހަމައެކަނި ރައީސަކީ ރައީސް ޔާމީނަށްވާއިރު، އެމަނިކުފާނުގެ ޚިދުމަތަށް އެދޭ އެތައްހާސް ރައްޔިތުން މިއަދުވެސް މިފަސްގަނޑުގައި ތިބިކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުން ސިޔާސީ ގޮތުން އެއްވެސް ވަރަކަށް ޓެސްޓު ނުކުރެވޭ، ނަތީޖާ ހާސިލް ކޮށްދެއްވިފައި ނުވާ ބޭފުޅުން ވެރިކަމަށް ގެނެސް ޤައުމުގެ ކަންކަން ހިންގަން ހަވާލު ކުރަން ބޭނުން ނުވާނެކަަށާއި، އެކަން މިއަދު ވެރިކަން ކުރަމުންދާ ބޭފުޅުންގެ ކިބައިން ދިވެހި ރައްޔިތުންނަށް ތަޖުރިބާ ކުރެވިފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ތަޖުރިބާ ނެތް ސިޔާސީ ލީޑަރުން ދިވެހި ރައްޔިތުން ބޭނުން ނުވޭ. ތަޖުރިބާ ކުރެވިފައިވާ ލީޑަރުންގެ ތެރެއިން ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން. ރައްޔިތުންގެ ކުރިމައްޗަށް ނިކުތުމުން ރައްޔިތުން ބަލައި ނުގްނަން ކެންޑިޑޭޓުންނަށް އަޅުގަނޑުމެން ޖާގަދޭކަށް ނެތީމު. ރައީސް ޔާމީންއަކީ ބަލައިގަނެފައިވާ ކެންޑިޑޭޓެއް. ރިޔާސީ އިންތިޚާބު ވަގަށް ނެގީ. ރައްޔިތުން އިންތިޚާބު ކުރީ ރައީސް ޔާމީން. އަދިވެސް ދިވެހި ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީޓަކުގެ އިންތިޚާބުގައި ޕީޕީއެމް، ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކީ ޤައުމީ ވިސްނުމާއި، ވަތަނުގެ ވިސްނުން އިސްކޮށް، ޕާޓީ އިސްކުރާނެ ބައެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލޭގެ މޭޔަރުކަން ޑރ.މުއިއްޒު ކާމިޔާބު ކުރާނެކަން ޔަގީވުމުން އެމަނިކުފާނަށް، ނިސްބަތްކޮށް އެކި ނަންނަމުން ގޮވައި، ފުރައްސާރަކޮށް ހަދަމުންދާ ކަމަށާއި، ނަމަވެސް މުއިއްޒުއަކީ ރައީސް ޔާމީން މިޤައުމަށް ގެނެސްދެއްވި ތަރައްޤީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާވަނީ ދިމާވާ ގޮންޖެހުންތަކާއިއެކުވެސް އިންތިޚާބު ކާމިޔާބު ކޮށް ދިނުމަށް ގޮވާލާފައެވެ. އޭނާ ވިދާޅުވީ ސަރުކާރުން ކުރިމަތިކުރާ ޖެއްސުމާއި ފިއްތުމަށް ބެލުމެއްނެތި ޕީޕީއެމް ޕީއެންސީއަށް ވޯޓު ދެއްވުމަކީ ރާއްޖޭގެ މިނިވަންކަމަށްޓަކައި ކުރަންޖެހިފައިވާ ކަމެއްކަމަށެވެ. އިދިކޮޅު ކެންޑިޑޭޓުންނަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި، ރައްޔިތުންގެ ކެންޑިޑޭޓުންނަށް ކަމަށް އަބަދުއްރަހީމް ވަނީ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ