އިންތިޚާބު ކާމިޔާބުވާނީ ވޯޓުން، އިލެކްޝަނުން ކޮށްދޭ ކަމަކުންނޫން: ޝަރީފް

އިންތިޚާބު ކާމިޔާބުވާނީ ވޯޓުން، އިލެކްޝަނުން ކޮށްދޭ ކަމަކުންނޫން: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2021 05:08
0

އިލެކްޝަން ކޮމިޝަނުން ކޮށްދޭ ކަމަކުން ނުވަތަ ކުރާ ކަމަކުން އެއްވެސް ބަޔަކަށްވެސް އަދި އެއްވެސް ޕަޓީއަކަށްވެސް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެން ނުދާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރުން ވަޒީފާގެ ބިރަށްޓަކައި މަސައްކަތް ކުރައްވަނީ ސަރުކާރު މައި ޕާޓީ، އެމްޑީޕީ އަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދޭން ކަމަށް ބުނެ ޕީޕީއެމުން ކޮމިޝަންގެ މެމްބަރުންނަށް ތުހުމަތުތަކެއްކޮށް ދެއްކި ވާހަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ އިންތިޚާބު ކާމިޔާބު ވާނީ ވޯޓު ގިނައިން ލިބޭ ބަޔަކަށް ކަމުގައެވެ.

އިންތިޚާބެއް ވަކިބަޔަކަށް ކާމިޔާބުކޮށް ވަކިބަޔަކަށް އިންތިޚާބުން މޮޅުކޮށް ދިނުމަކީ އިލެކްޝަނުން ކުރާނެ ކަމެއްނޫންކަމަށް ޝަރީފްވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި އެފަދަ މަސްލަހަތެއްވެސް އިލެކްޝަންގެ އެއްވެސް މެމްބަރެއްގެ ކިބައިގައި ނޯންނާނެކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ.

އިންތިޚާބު ކާމިޔާބު ވާނީ ވޯޓުގެ ނަތީޖާއިން، އިލެކްޝަން ކޮމިޝަނުން ކަމެއް ކޮށްދީގެން ވާގޮތަކަށް ނޫން އޭރުވެސް އަދި މިހާރުވެސް އޮތީ. ރައްކާތެރިވެ ތިއްބަވާ، ކެމްޕެއިން ކުރައްވާ. އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލު ވެދާނެ.

– ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ލޯކަލް ކައުންސިލް އިންތިހާބުގެ އިދިކޮޅުގެ ކެމްޕޭން މެނޭޖަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ކެމްޕޭނު ކުރަން ހަމަހަމަ ފުރުސަތެއް ދީފިނަމަ ޕީޕީއެމް/ޕީއެންސީ އިން އިންތިހާބު ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން އެމްޑީޕީ އަށް އޮތުމުން ސަރުކާރުން ދަނީ ހުރިހާ މުއައްސަސާތަކެއް މެދުވެރިކޮށް އިންތިހާބުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އިންތިހާބާ ގުޅޭ ގޮތުން އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ހަލީލް ވިދާޅުވީ، ރީ ރަޖިސްޓްރޭޝަން ފޯމުގައި އިނގިލީގެ ނިޝާން ނުޖަހަން ކަނޑައަޅަން އީސީން ސުޕްރީމް ކޯޓަށް މައްސަލަ އެއް ހުށައަޅަން ނިންމި ނިންމުމަކީ އެކަމުގެ ތެރޭގައި ޖާއިޒު ނޫން މަންފާތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.

އޭގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމި ނިންމުމަކީވެސް އަޑި ނޭނގޭ ކަންތައްތަކެއް އޭގައި އެކުލެވިގެންވާ ކަމެއް ކަމަށް ހަލީލް ތުހުމަތު ކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.