ދީނީ މައްސަލަތަކުގައި ޢިލްމުވެރިން ފާޅުކުރައްވާ އިޖްތިހާދީ ރައުޔާއި ގުޅިގެން އެފަދަ ޚިޔާލު ފާޅުކުރައްވާ މީހުންނަށް ފިޔަވަޅުއަޅައި އަދަބު ދިނުމަކީ އެއްވެސް ޤާނޫނަކުން ލިބިގެންވާ ހައްގެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ކުރުމާއި ގުޅިގެން ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ދީނީ މައްސަލަތަކުގައި ޢިލްމުވެރިން ފާޅުކުރައްވާ އިޖްތިހާދީ ރައުޔަކީ އެކަން އޮޅުންފިލުވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.
އެކަމައި ގުޅިގެން އެމީހަކު ވަޒީފާ އަދާކުރަމުންދާ ތަންތަނުން ޚާއްސަކޮށް، ތައުލީމީ މުއައްސަސާތަކުން އެމީހަކާއިމެދު ފިޔަވަޅު އެޅުމަކީ ޝަރުއީ ގޮތުންވެސް އަދި ޤާނޫނީ ގޮތުން ބެލިކަމުގައި ވީނަމަވެސް ކުރެވިގެންވާނެ ކަމެއްނޫންކަމަށެވެ. އަދި މިއަދު ސިޔާސީ ނުފޫޒުން ރާއްޖޭގެ ތައުލީމީ މުވައްސަސާތައް މިނިވަން ވާންޖެހޭކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރުވަނީ ވިދާޅުވެފައެވެ.
ދީނީ މައްސަލަތަކުގައި ޢިލްމުވެރިން ފާޅުކުރައްވާ އިޖްތިހާދީ ރައުޔާ ގުޅިގެން ތަޢުލީމީ މުއައްސަސާތަކުން ފިޔަވަޅު އެޅުމަކީ، ޝަރްޢީ އަދި ޤާނޫނީ އެއްވެސް ހަމަޔަކުން ކުރެވިގެންވާނެ ކަމެއް ނޫން. ސިޔާސީ ނުފޫޒުން ތަޢުލީމީ މުއައްސަސާތައް މިނިވަންވާންޖެހޭ.
– ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ޑރ.އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ ބުރާސްފަތި ދުވަހު އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ.އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ފާޅުކުރަމުންދާ ޚިޔާލު ތަކާއި ގުޅިގެންނެވެ. ޑރ.އިޔާޒަށް ވަނީ ސޯޝަލް މިޑީޔާގައި ދައްކަވާ ވާހަތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީން ތަފާތު އެކި ފަހަރުމަތީން ފިޔަވަޅު އަޅާނެކަމަށް އަންގާފައެވެ.
ސަސްޕެންޑް ކުރުމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނަސް ހައްގުބަސް ބުނާނެކަމަށެވެ.
ކޮމެންޓު ފޮނުވާ