ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި މާލެ ސީޓީގެ މޭޔަރުގެ މަޤާމަށް ކުރިމަތި ލައްވާފައިވާ އަނަސް އަބްދުއްސައްތާރުގެ ކެންޕެއިންގައި ރައީސް ނަޝީދު އަމަލީގޮތުން ބައިވެރިވެ މާލޭގައި ގޭތަކަށް ޒިޔާރަތް ކުރަން ފައްޓަވައިފިއެވެ.
އަނަސްއާއިއެކު އެމްޑީޕީގެ ރައީސް މިއަދު ހެނދުނުން ފެށިގެން މާލޭގެ ގޭތަކަށް ދޮރުން ދޮރަށް ކެންޕެއިން ފަށާފައިވާއިރު، މިއަދު ވަނީ ބައެއް ގެތަކަށް ވަޑައިގެން އެގޭތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުން އޮޅުން ފިލުގައި އަނަސްއަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރައްވާފައެވެ.
އެމްޑީޕީން މާލޭގައި އަނަސްއާއިއެކު ދޮރުން ދޮރަށްކެންޕެއިން ފެށިތާ މިހާރުވަނީ ދުވަސްތަކެއް ވެފައެވެ. އެމްޑީޕީގެ ކެންޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދުވަނީ އަނަސްގެ ކެންޕެއިންގައި އަމަލީ ގޮތުން އުޅުއްވައި އޭނާއަށް ގޮޑި ކާމިޔާބްކޮށްދެއްވާނެކަމަށް ވިދާޅުވެގައެވެ. އަދި ކާމިޔާބު ކުރުމަށްފަހު ވެފައިވާ ވައުދުތައް ތަންފީޒު ކުރާ މިންވަރު ކައިން ބަލަމުންދާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ފަރާތުން މާލެސިޓީ މޭޔަރ ކަމަށް ކުރިމަތިލައްވާ ކެނޑިޑޭޓް @anasabdulsattar އެކު ރައީސް ނަޝީދު ދޮރުން ދޮރަށް.#Live #ރަށްވެހިފަތިސް #ލާމަރުކަޒީރާއްޖެ pic.twitter.com/bIdRm4oq52
— ??? ?? (@Simwarr) March 6, 2021
ސަރުކާރު ހިންގާ މައިޕާޓީގެ ކެންޑިޑޭޓް އަނަސްގެ ކެންޕެއިން ފޯރިއާއިއެކު ކުރިއަށް ގެންދާއިރު، އިދިކޮޅު ކެންޑިޑޭޓް މުހައްމަދު މުއިއްޒުއާއި، މިނިވަން ކެންޑިޑޭޓް އަލްހާން ފަހުމީވެސް ދަނީ ކެންޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއި އެކު ކައުންސިލްތަަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އޭގެ ތެރޭގައި ބޮޑު ބަޖެޓަކާއި ކައުންސިލަރުންގެ މުސާރަތަކަށް ގެނައި ބަދަލުތައް ހިމެނެއެވެ.
މިގޮތުން ސިޓީ މޭޔަރަކަށް މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި 40،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ޑެޕިއުޓީ މޭޔަރަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލް މެމްބަރުންނަށް 30،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަތޮޅު ކައުންސިލްގެ ރައީސަކަށް 28،000 ރުފިޔާ، ރަށު ކައުންސިލްގެ ރައީސަކަށް 23،000 ރުފިޔާ، ނައިބު ރައީސަށް 15،000 ރުފިޔާ ލިބިވަޑާއިގަންނަވާއިރު ކައުންސިލް މެމްބަރަކަށް 12،000 ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ