ބިން ހިއްކުމަށް މަހާޖައްރާފު ދުވާފަރަށް!

ބިން ހިއްކުމަށް މަހާޖައްރާފު ދުވާފަރަށް!

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2021 10:00
0

ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫޢަށް ބިންހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކުގައި ބޭނުންކުރާ މަހާ ޖައްރާފު މިއަދު އެރަށަށް ގެންގޮސްފިއެވެ.

މަހާޖައްރާފު އެރަށަށް ގެންގޮސް ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމަށް އެމްޓީސީސީން އަމާޒު ހިފާފައިވާއިރު، މިއަދު އެރަށުގައިވަނީ މިކަމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރަށު ތެރޭގައާއި ކަނޑުމަތީގައި މިކަމަށް ޙާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެރަށުގެ ބިންހިއްކުމާ، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތެވެ. ދުވާފަރުން ބިން ބޮޑުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި އެރަށު ފަޅުން 22.2 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ދުވާފަރުގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ 49.5 ހެލްޓަރެވެ.

ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫޢުގެ ތެރެއިން 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މަހާޖައްރާފަކީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ބިންހިއްކުމުގެ މަސައްކަތް އަވަސް ގޮތަކަށް ކުރުމަށް ގެނެވުނު ޚާއްސަ އުޅަދެކެވެ.

36 މިލިއަން ޑޮލަރު ޙަރަދުކޮށްގެން ބަނދެފައިވާ މި އުޅަނދަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެމް.ޓީ.ސީ.ސީން ބަނދެފައިވާ "މަހާ ޖައްރާފު" ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.