އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދާ މުޒާހަރާގައި ގެންގުޅޭ ސްޓްރެޓެޖީ އެގޭކަމަށް އިމްރާން ވިދާޅުވިއިރު، އެއީ ވަރަށް ގޯސް ހީއެއްކަން މިއަދުގެ މުޒާހަރާއިން އިމްރާނަށް އެގިގެން ގޮސްފައިވާނެކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިޖކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރަމުންދާ މުޒާހަރާއާއި ގުޅިގެން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މުޒާހަރާގައި އިދިކޮޅުން ގެންގުޅޭ ސްޓްރެޓެޖީ އަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫންކަމަށެވެ. އެވަގުތެއްގެ ހާލަތާއި ގުޅޭގޮތަކަށް އަބަދުވެސް ސްޓްރެޓެޖީ ގެންގުޅުއްވާކަމަށާއި، އިމްރާނަށް އަދި އިދިކޮޅުން ގެންގުޅޭ ސްޓްރެޓެޖީ އެގެން ވަރަށް ދުވަސް ނަގާނެކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ މުޒާހަރާ ނިންމާލާނެ ވަގުތެއް އަދި ނޭގޭކަމަށެވެ. އަދި މިހާތަނަށް މުޒާހަރާގެ ތެރެއިން 50 އާއި ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި، އެ އެންމެން މިހާރުން މިހާރުން ދޫކޮށްލަން އަބްދުއްރަހީމް ވަނީ ގޮވާލާފައެވެ. އަދި މީހުން ހައްޔަރު ކުރުމުގައި ބައެއް ފުލުހުން އަމަލުކޮށްފައިވާ ގޮތުން އަންހެން ކަނބަލުންނަށް ހިނގާ ނުގަނެވިގެން އުޅުނުތަންވެސް ފެނިފައިވާކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މީހުން ހައްޔަރުކޮށް މި މުޒާހަރާތައް ނުހުއްޓުވޭނެކަމަށެވެ. ހައްޔަރު ކުރާ ކޮންމެ މީހަކު ދޫކޮށްލުމުން ދެން ނިކުންނަނީ އެއްއަށްވުރެ މާ ބޮޑަށްވެސް ޖޯޝާއި ފޯރީގައިކަމަށެވެ. އިދިކޮޅުން ކުރަމުންދާ މުޒާހަރާ ހުއްޓާލާނީ ރައީސް ޔާމީން މިނިވަންކޮށް، ރައްޔިތުންނަށް މިސަރުކާރުން ދެމުންދާ އަނިޔާތަކަށް އިންސާފު ލިބުމުންކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އެމަސައްކަތް ކުރުމުގައި ކިތަންމެ ދުވަހަކު މަގު މަތީގައި ތިބެންޖެހުނަސް އެކަން ކުރުމުގައި ފަހަތަށް ނުޖެހޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ