އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނުން 2-1 އިން ޕާމާ ބަލިކޮށް ލީގުގެ އެއް ވަނާގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ރެލިގޭޝަން ޒޯންގައި އޮތް ޕާމާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހުރިހާ ގޯލެއް ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ސަންޗޭޒް އިންޓަ އަށް ލީޑުނަގައިދިނީ 54 ވަނަ މިނިޓްގަ އެވެ. އޭގެ އަށް މިނިޓް ފަހުން އޭނާ ވަނީ ދެ ވަނަ ގޯލު ޖަހާފަ އެވެ. ސަންޗޭޒްގެ ދެ ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އޭނާއާ އެކު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. ޕާމާގެ ހަމައެކަނި ގޯލު މެޗުގެ 71 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަޒެވޭޑޯ ޖޫނިއާ އެވެ.
ރޭގެ ނަތީޖާއާ އެކު އިންޓަ އެއް ވަނާގައި އޮތީ 25 މެޗުން 59 ޕޮއިންޓާ އެކު އެވެ. މިލާނަށް 25 މެޗުން ވަނީ 53 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ތިން ވަނާގައި އޮތީ 24 މެޗުން 49 ޕޮއިންޓާ އެކު އެވެ.
ކޮމެންޓު ފޮނުވާ