އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން އިލެކްޝަން ކޮމިޝަނަށް ޖަވާބު ދާރީވުމަށް މިއަދު އަންގައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ވަކި އުސޫލުތަކެއް ހަދާފައިވަނިކޮށް އެ އުސޫލުތަކާއި ހިލާފަށް ސިޔާސީ ޕާޓީތަކުން އަމަލު ކުރުމަކީ އެކަމަށް ޖަވާބު ދާރީވާންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއިން މާލޭގައި ކޮށްފައިވާ މުޒާހަރާތަކާއި ގުޅިގެން ލިޔުމުން ޖަވާބުދާރީ ވުމަށް ވަނީ ފުރުސަރު ދީފައެވެ.
ސިޔާސީ ޕާޓީގެ ޤާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އާންމު ސިޔާސަތު ރައްކާތެރިކުރުމުގެ ޤާނޫނާއި ތަކުރާރުކޮށް ޚިލާފްވެފައިވާތީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަނީ 150،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 10 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މަނާކޮށްފައެވެ. އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ އެކޯލިޝަނުން އެއްވަމުންދަނީ ގައިޑްލައިނާއި އެއްގޮތަށް ކަމަށާއި، އެއްވުންތައް ގައިޑްލައިނާއި ޚިލާފު ކޮށްލަނީ ފުލުހުން ކަމަށެވެ.
މިކަމާއި ގުިގެން ފުލުހުން ބުނެފައިވަނީ މާލޭގައި އެއްވެސް އެއްވުމެއް މުޒާހަރާއެއް ކުރުމަށް ޖާގަ ނުދޭނެކަމަށެވެ. އަދި އެއްވެސް އެއްވުމެއް ބާއްވާނަމަ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ. އިދިކޮޅު ކޯލިޝަނުން ވަނީ އަންނަ ހުކުރު ދުވަހުވެސް ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިއުލާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ