ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ގެންގުޅުއްވި ހަރުދަނާ ހާރިޖީ ސިޔާސަތު މިއަދު ވެރިކަން ކުރައްވާ ބޭފުޅުންނާއި، ސިޔާސީ ވެރިން ދަސްކުރަންޖެހޭ ކަމުގައި އަދާލަތު ޕާޓީގެ ކުރީގެ ނައިބް ރައީސް ޑރ.މައުރޫފް ހުސެއިން ވިދާޅުވެއްޖެއެވެ.
ވާދަވެރި ސިޔާސީ ނިޒާމުގެ ތެރެއިން މިއަދު އުފެދެމުންދާ ކޮންމެ ވެރިކަމެއްގައިވެސް ގެންގުޅެމުންދާ ތަފާތު އެކި ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ފާޑުކިޔުމާއި، ނުރުހުން އަމާޒުވެ ޤައުމުގެ މިނިވަންކަމާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއި މާ ގާތް ގުޅުމެއް ބޭއްވިކަމަށްބުނެ އޭރު އިދިކޮޅު ފަރާތްތަކުން ދިޔައީ އަޑު އުފުލަމުންނެވެ. އަދި މިއަދު ވެރިކަން ކުރާ ފަރާތުން އިންޑިޔާއާއި ބާއްވާ ގުޅުންތަކުގެ ސަބަބުން މިންވަންކަމާއިމެދު ދަނީ އެތައް ސުވާލުތަކެއް އުފައްދަމުންނެވެ.
މިކަމާއި ގުޅިގެން ޑރ.މައުރޫފް ވިދާޅުވީ ރާއްޖެއަށް ރައީސް މައުމޫންގެ ޒަޢާމަތުގައި ތަފާތުއެކި ކާރިސާތަކާއި، ކަންކަން ދިމާވި ނަމަވެސް ބޭރުގެ އެހީތެރިކަމާއި މަދަދު ހޯއްދެވީ ނުހަނު ހަރުދަނާ ޙާރިޖީ ސިޔާސަތެއްގެ ދަށުން ކަމަށެވެ. ބޭރުގެ އެއްވެސް ޤައުމެއްގެ ދަންތުރައެއްގައި ނުޖެހި އެމަނިކުފާނު ގެންގުޅުއްވި ހަރުދަނާ ޚާރިޖީ ސިޔާސަތަކީ މިއަދުގެ ވެރިކަން ދަސްކުރަންޖެހޭ ސިޔާސަތެއްކަމަށް ޑރ.މައުރޫފް ވިދާޅުވިއެވެ.
ރާއްޖޭގެ މައްޗަށް އެކިބާވަތުގެ ލޯތަކުން ބަލަމުން ގެންދާ ދުރު އަދި ކާރި ގައުމު ތަކުގެ ތެރެއިން އެއްވެސް ބައެއްގެ ދަންތުރައެއްގައި ނުޖެހި އެންމެ ރަނގަޅު ފައިދާހުރި ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވީ ރައީސް މައުމޫން އެވެ. އަދުގެ ވެރިން އެމަނިކުފާނު އަރިހުން ދަސްކުރަން އެބަ ޖެހެ އެވެ.
– ޑރ.މައުރޫފް ވިދާޅުވިއެވެ.
ޑރ.މައުރޫފް ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާސަތާއި އިސްތިޤުލާލަށް ނުރައްކާވާފަދަ އެއްބަސްވުމެއް ވާނަމަ އެކަމުގެ ތަފްސީލް ރައްޔިތުންނައި ހިއްސާ ކުރަންޖެހޭކަމަށެވެ. އެއީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށް ޑރ.މައުރޫފް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާދަތަށް އަސަރެއް ކޮށްފާނެ އަދި މުސްތަގުބަލުގެ ޖީލުތަކަށް އޭގެ އަސަރުތައް ދެމިގެންދާނެ ފަދަ އެއްބަސްވުމެއް ވާނަމަ އެއާއި ބެހޭ ތަފްސީލް ތައް ރައްޔިތުންނަށް އެނގެން ޖެހޭނެ އެވެ. އެއީ ރައްޔިތުންގެ ޙައްޤެކެވެ.
– ޑރ.މައުރޫފް ވިދާޅުވިއެވެ.
ޑރ.މައުރޫފް މިފަދައިން ވިދާޅުވެފައިވަނީ ދިވެހި އަސްކަރިއްޔާގެ ދަށުގައި އޮންނަ އުތުރު ތިލަފަޅު ތަރައްޤީކުރުމާއި ގުޅޭގޮތުން އިންޑިއާ ސަރުކާރާއެކުު ދިވެހި ސަރުކާރުން އެކުލަވާލި އެއްބަސްވުމުގެ ތަފްސީލް ހާމަކުރުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ.
ކޮމެންޓު ފޮނުވާ