އިންޑިއާގައި ރާއްޖެ އިޝްތިހާރުކޮށް ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި ޤައުމެއްކަމަށް ބުނެދިނުމަށް އެމްއެމްޕީއާރުސީން އެގައުމުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.
އިންޑިއާ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމަށް މި ނޫސްވެރިން ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. މި ޓީމް މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ތިބޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މިދަތުރުގައި އިންޑިއާގެ މަޝްހޫރު ނޫސް މަޖައްލާތައް ކަމުގައިވާ ދަ ޕައިނިއާ، ސަންޑޭ ގާޑިއަން، އީ.ޓީ ޓްރެވަލް ވޯލްޑް، ޓީއެމް.އެމް މެގަޒިން އަދި ސްޕަޓްނިކް ނިއުސް މަޖައްލާ އިން ބައިވެރިވެއެވެ. މި ޓީމުން ރާއްޖޭގައި ހޭދަކުރާ 5 ދުވަހު ތިބުމަށް ހަމަޖެހިފައިވަނީ ކައި މޯލްޑިވްސް އަދި އެމަރަލްޑް މޯލްޑިވްސްގައި ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
މި ދަތުރުގައި ނޫސްވެރިންގެ ތަޖުރިބާ ތަކާއި ރާއްޖެއިން ލިބެންހުރި ޚިދުމަތްތަކާއި ރާއްޖެއިން ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ޚަބަރުތައް ލިޔާނެއެވެ. މި ދަތުރުގައި ބައިވެރިވާ މީޑިއާ ތަކަކީ އިންޑިއާ މާކެޓްގައި މަޝްހޫރު އަދި ކިއުންތެރިންގެ މެދުގައި މަގްބޫލު މީޑިއާ ތަކެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމަކީ އިންޑިއާ އެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރާއްޖޭން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ ގިނަ ރޯޑްޝޯތައް އަމާޒުކޮށްފައިވަނީ ވެސް އިންޑިއާ އާއި ރަޝިއާ އަށެވެ.
އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާއިރު އެގައުމުގެ އެކި ސިޓީތަކުން ރާއްޖެއަށް އަންނަ ސީދާ ފްލައިޓް ތައްވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އެންމެ ގިނަ އިންޑިއާ ފަތުރުވެރިން އުފުލާ އިންޑިގޯ އާއި ގޯއެއަރގެ 10 ވަރަކަށް ފްލައިޓް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަނީ ބާއްވަމުންނެވެ. އޭގެތެރޭގައި ބެންގްލޯރާއި، ކޮޗިންއާއި، މުންބާއީ އާއި، ދިއްލީގެ އިތުރުން ހައިދްރް އާބާދުންވެސް ރާއްޖެއަންނަ ޑައިރެކްޓް ފްލައިޓްތައް ހިމެނެއެވެ.