ޚާރިޖީ ސިޔާސަތުގެ ތެރެއިން ވަކި ޤައުމެއްގެ އުގަށް ނުވެއްޓި އުޅުމަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިޤުލާލަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަންވަމުންދާ ގޮތާއި، ވަކި ޤައުމެއްގެ އުގަށް ވެއްޓި ޤައުމު ހިންގަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަނާރާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖެ ފަދަ މިނިވަން މުއްތަގިއްލު ޤައުމަކުން ވަކި ޤައުމެއްގެ އުގު ތެރެއަށް ވެއްޓުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ. ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތައްޓަކައި ވަކި ޤައުމަކާއިއެކު މާބޮޑަށް ގުޅުން ވަރުގަދަކޮށް ޚާރިޖީ ސިސާސަތު އެހެން ޤައުމުތަކާއި ދުރު ކުރުމަކީ ދެރަ ކަމެއްކަމަށް އަނާރާ ވިދާޅުވިއެވެ.
މިނިވަން މުސްތަޤިއްލު ޤައުމުގެ ޚާރިޖީ ގުޅުންތައް ބަދަހިކުރާއިރު ވަކި ޤައުމެއްގެ އުނގަށްނުވެއްޓި, ޤައުމުތަކާއެކު ބެލެންސްކަން ބޭއްވުން މުހިއްމެވެ. އެހެނީ އެންމެ މުހިއްމީ, މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އަންނަން އޮތްޖީލުތަކަށް އެންމެންއެކުގައި ޤައުުމު ފޯރުކޮށްދިނުމެވެ.
– އަނާރާ ވިދާޅުވިއެވެ.
އަނާރާ މިހެން ވިދާޅުވެފައިވަނީ ސަރުކާރުން އަވަށްޓެރި އިންޑިޔާއަށް ވަރަށް ބޮޑަށް ބަރޯސާވެ، އެހެން ޤައުމުތަކާއި އޮންނަ ސިޔާސީ ގުޅުން ހީނަރުވަމުންދާކަމަށް ބައެއް ފަރާތްތަކުން ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ދަނީ ރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއި، މަސައްކަތްތައް އިންޑިޔާއަށް ހަވާލު ކުރަމުންނެވެ.
އަނާރާ ވަނީ ރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދާ ގޮތައިމެދު ދޭތެރެ ދޭތެރެއިން ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އެގޮތުން މީގެ ދުވަސް ކޮޅެއް ކުރިން ކުރި ޓްވީޓެއްގައި އަނާރާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުން ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރެވިފައިވާ އުންމީދަކީ އެކަންކަމަށް އިޞްލާހީ ހެޔޮ ބަދަލު ތަކެއް އައުން ކަމުގައެވެ.
ސަރުކާރު ގެނައުމަށްޓަކައި އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި ކުރީގެ މަޖިލީހުގައި ހިމެނޭ ބައެއް މެމްބަރުން މިއަދު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުންނާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށް ބުނެ މި ބޭފުޅުންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ