އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްޤީކުރުމަށް އިންޑިޔާއާއިއެކު ވެވުނު އެއްބަސްވުމަކީ އިންޑިޔާގެ ކަނޑުގެ ލަޝްކަރުގެ އުޅަދުތަށް ބަދަރު ކުރުމަށާއި މަރާމާތުކުރުމަށާއި އަދި އިންޑިޔާ ސިފައިން މި ސަރަހައްދުގައި ބޭތިބުމަށް މަގުފަހި ކުރުމަށް އަޅާ ތަނެއް ކަމުގައި 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅު އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރާއި ޑޯކްޔާޑް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ދިވެހި ސިފައިންނަށް ދޫކޮށްފައިވާ އުތުރުތިލަފަޅުގައި އިންޑިޔާއިން އެޅުމަށް ހަމަޖެހިފައިވާ ޑޮކްޔާޑަކީ އިންޑިޔާގެ ކަނޑުގެ ލަޝްކަރުގެ އުޅަދުތަށް ބަދަރު ކުރުމަށާއި މަރާމާތުކުރުމަށާއި އަދި އިންޑިޔާ ސިފައިން މި ސަރަހައްދުގައި ބޭތިބުމަށް މަގުފަހި ކުރުމަށް އަޅާ ތަނެއްކަމަށެވެ.
މި ޕްރޮޖެކްޓް ގެ ސަބަބުން މި ސަރަހައްދުގައި އިންޑިޔާގެ ސިފައިންނާ މަނަވަރުތައް އަބަދުމެ ތިބުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ޚާރިޖީ ގުޅުމުގެ ތެރެއިން އެހެން ޤައުމު ތަކާ ދިފާޢީ ގުޅުން ބަދަހި ކުރަންވާނީ ދިވެހިރާއްޖޭގެ މިނިވަން ކަމާ ސިޔާދަތަށް ބުރުލެއް ނާރާގޮތަކަށް ކަމުގައެވެ. އަދި އިންޑިޔާ ކަޑުގެ 'ގޭޓް ކީޕަރު' ގެ ހައިސިއްޔަތުން މި ސަރަހައްދާ ދުނިޔޭގެ މަސްލަހަތަށްވެސް ބުރޫ ނާރާ ގޮތަށް ކަމުގައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަން މަޑުމަޑުން މި ދަނީ ގެއްލެމުންނެވެ. އިރާދަކުރެއްވިއްޔާ، އަޅުގަޑުގެ ވެރިކަމެއްގައި އިންޑިޔާގެ ހުރިހާ ސިފައިން މި ޤައުމުން ފޮނުވާލެވޭނެއެވެ. އަދި އިންޑިޔާ އާއިއެކު އެކުވެރި ގުޅުމެއް ދަމަހައްޓާނަން.
– އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިއީ އިންޑިޔާއިން ރާއްޖޭގައި އެކިނަންނަމުގައި އެމީހުންގެ ސިފައިން ބައިތިއްބާ 4 ވަނަ ސަރަހައްދު ކަމަށެވެ. މިހާރުވެސް އައްޑޫ، ލ.ކައްދޫ، ހދ.ހަނިމާދޫ ގައި އެމީހުންގެ އުޅަދުތަކާއެކު އިންޑިޔާގެ ސިފައިން ގާއިމްވެ އެބަތިބިކަމަށް އުމަރު ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ އުތުރުތިލަފަޅުގައި ހަދަނީ އަސްކަރީ މަރުކަޒެއް ނޫން ކަމަށެވެ. މިއީ ޑޮކްޔާޑަކަށްވާ އިރު، އަސްކަރީ ގޮތެއްގައި ބަޔަކު މި ޑޮކްޔާޑްގައި ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީ ކުރަމުންދާ އިރު، އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އެގޮތުން އެ ތަނުގައި ހަދާ ހުރިހާ އިމާރާތްތަކާއި އެ ނޫން ވެސް ތަންތަނުގެ މަސައްކަތް އިންޑިއާގެ މީހުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި އެ ތަނުގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް އަމާޒުކޮށްފައި އޮތީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ. އުތުރު ތިލަފަޅުގައި ޒާމާނީ ހުރިހާ ވަސީލަތެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ